07 Jan 2016, 22:27
އެއް ވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ގުރުއާން މުބާރާތެއް ށ. ފުނަދޫ ގައި މިއަދު ފަށައިފި އެވެ.
ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގުރުއާން މުބާރާތާ ގުޅޭގޮތުން ސަން އާ ވާހަކަ ދައްކަމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމް ފުޅު ވިދާޅުވީ، އެ މުބާރާތަކީ ހުރިހާ އުމުރުފުރާ އަކަށްވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
"70 މީހުން މި މުބާރާތުގައި ބައިވެރިވޭ... މި މުބާރާތް ކުރިއަށް ގެންދާނީ ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލައި ކިޔުމުގެ ބަޔާއެކު ދެބަޔަށް ބަހާލައިގެން،" އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގުރުއާން މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ އެ ރަށުގައި ތިއްބެވި ގުރުއާން ޓީޗަރުންނާއި އެކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށެވެ.
ފުނަދޫގައި ބާއްވާ ގުރުއާން މުބާރާތުން ދެ ވަނައަށް ދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާ އެވެ.
އަދި ތިން ވަނައަށް ދާ ފަރާތަކަށް ދިނުމަަށް ހަމަޖެހިފައިވަނީ 2،000 ރުފިޔާއެވެ.
ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު އެރަށުގައި ފެށި ގުރުއާން މުބާރާތަކީ އެރަށު ކައުންސިލުން ބާއްވާ އެފަދަ ފުރަތަމަ ގުރުއާން މުބާރާތެވެ.