އެމެރިކާގެ ޕޮޕް ކަލްޗަރުގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "ޕީޕަލްސް ޗޮއިސް އެވޯޑްސް"ގެ އަލަށް ދައްކަން ފެށި ޝޯތަކުގެ ތެރެއިން އެންމެ މަގުބޫލު އެކްޓްރެސްގެ އެވޯޑު ޕްރިޔަންކާ ޗޯޕްރާ އަށް ލިބިއްޖެއެވެ.

ވޭތުވެދިޔަ އަހަރަކީ ބޮލީވުޑްގެ ތަރި އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރިލީޒު ކުރި އޭނާގެެ ފިލްމު "ބާޖީ ރާއޯ މަސްތާނީ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ހަމައެހެންމެ، ޕްރިޔަންކާ ލީޑު ރޯލުން ފެނިގެންދާ އެމިރިކާގެ ޓީވީ ސީރީޒް "ކުއަންޓިކޯ" އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޕްރިޔަންކާ އެ ސީރީޒްގައި އަދާ ކުރާ ރޯލަށް އޭނާ އަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު އޮހެމުންނެވެ. އެގޮތުން އާ ސީރީޒް އަކުން އެންމެ މަގުބޫލު އެކްޓްރެސްގެ އެވޯޑަށް ނޯމިނޭޓް ވެފައިވަނީ ކުއަންޓިކޯ އިންނެވެ.

ރޭގައި ލިބުން އެވޯޑާ ގުޅިގެން ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އަކީ ވަރަށް ނަސީބުވެރި މީހެއް ކަމަށާއި އޭނާއަށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރުވެެރިވާ ކަމަށެވެ.

ޕްރިޔަންކާއަކީ ދެކުނު އޭޝިއާގެ އެކްޓަރުންގެ ތެރެއިން ޕީޕަލްސް ޗޮއިސް އެވޯޑު ހޯދި ފުރަތަމަ އެކްޓްރެސް އެވެ.

ޕްރިޔަންކާގެ އިތުރުން އެ ކެޓަގަރީ އިން ދެން ނޯމިނޭޓް ވެފައިވަނީ "ކޯޑް ބްލެކް"ގެ އެކްޓްރެސް މާސިއާ ގޭ ހާޑެން އެވެ. އެއަށްފަހު އެ ކެޓަގަރީގައި ހިމެނިފައިވަނީ ފޮކްސްގެ "ސްކްރީމް ކުއީންސް"ގެ ތިން އެކްޓްރެސް ކަމަށްވާ ލިއާ މިޝެލް އެމާ ރޮބާޓްސް އަދި ޖޭމީ ލީ ކާޓިސް އެވެ.