07 Jan 2016, 12:39
އިނގިރޭސި ލީގު ކަޕްގައި އެވަޓަން އަތުން 2-1 ގެ ނަތީޖާ އަކުން މެންޗެސްޓާ ސިޓީ ބަލިވީ ރެފްރީގެ ސަބަބުން ކަމަށް ސިޓީގެ ކޯޗް މެނުއަލް ޕެލިގްރިނީ ބުނެފި އެވެ.
ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕެލިގްރިނީ ވަނީ އެ މެޗުގެ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ބުނީ އެ މެޗުގެ ރެފްރީގެ ފަރާތުން ފެނިގެން ދިޔައީ ގަބޫލު ކުރެވޭނެ ނިއްމުން ތަކެއް ނޫން ކަމަށާއި އެވަޓަންއިން ޖެހި ފުރަތަމަ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށެވެ.

އިނގިރޭސި ލީގު ކަޕްގައި ރޭ އެވަޓަން އާއި ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ގޯލް އެވަޓަންގެ ރަމިރޯ ކާމިޔާބް ކުރި އިރު ސިޓީގެ ސިލްވާ އޮފްސައިޑް ކަމަށް އެޕީލް ކުރަނީ --- ފޮޓޯ: އޭޕީ
"އަހަރެން މި ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައި އެ މެޗުގެ ރެފްރީންގެ ފަރާތުން ފެނުގެން ދިޔަ ނިންމުން ތަކުގެ ސަބަބުން. އަހަރެމެން ނަށް ލިބެންޖެހޭ ޕެނެލްޓީއެއް ވެސް ދިޔަ ރެފްރީ ނުދީ،" ހިތްހަމަނެޖެހި ހުރެ ޕެލިގްރިނީ ބުންޏެވެ.
ނަމަވެސް އޭނާ ބުނީ އެ މެޗުން ބަލިވި ނަމަވެސް ދެ ވަނަ ލެގުގައި ސިޓީގެ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށް ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު އެ މެޗުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ރަމިރޯ ފުނެސް މޯރީ ގެ ގޯލުންނެވެ.

އިނގިރޭސި ލީގު ކަޕްގައި ރޭ އެވަޓަން އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެ މެޗުގައި ސިޓީން އެއް ވަރު ކުރި ގޯލް 76 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެސަސް ނަވާސް އެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން އެވަޓަން އެ މެޗުން މޮޅުކޮށްދިން ގޯލް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ކާމިޔާބު ކޮށްދީފަ އެވެ.
ސިޓީ އާއި އެވަޓަން ބައްދަލުކުރާ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗު އޮންނާނީ ޖެނުއަރީ 27 ވަނަ ދުވަހު ސިޓީގެ އިތާޑް ސްޓޭޑިއަމްގަ އެވެ.