14 Apr 2011, 11:38
ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން މިދިޔަ އާދިއްތަ ދުވަހު ގެނައި ކުއްލި ބަދަލާ އެކު ޑޮލަރުގެ ދަތިކަމަށް އަވަސް މުއްސަތަގުބަލެއްގައި ހައްލު އަންނާނެ ކަމަށް ދިވެހި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ޑޮލަރުގެ ގަނެ ވިއްކާ އަގަކީ 10.28ރ އާއި 15.42ރ. ދެމެދުގެ އަގެއް ކަމުގައި ކަނޑައަޅައި އާންމުކޮށް ބާޒާރަށް ދޫކޮށްލުމުން އެމްއެމްއޭ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނަނީ ޑޮލަރު ރޭޓް އެމްއެމްއޭ އިން ކަނޑައެޅުމުގެ ބަދަލުގައި ބާޒާރުގެ ޑިމާންޑާއި ސަޕްލަޔަށް ބިނާކޮށް ޑޮލަރުގެ އަގު ކަނޑައަޅަން ފެށުމުން މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ކައިރި މުސްތަގުބަލެއްގައި ހައްލު އަންނާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ޑޮލަރުގެ އަގު ފިކްސްޑް ބޭންޑެއްގެ ތެރޭގައި ފުލޯޓްކުރަން ނިންމީ އިންޓަނޭޝަނަލް މަނިޓަރީ ފަންޓް (އައިއެމްއެފް)ގެ ލަފާގެ މަތިން ކަމަށާއި އެގޮތަށް ނިންމުމުން އޯޕަންމާކެޓް އޮޕަރޭޝަން ހިންގުމާއި ލެވަލް ކުރުމުގެ މަސައްކަތް އެ އިދާރާ އިން ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ބޭންކުތަކުން ޑޮލަރު ގަނެ ވިއްކާ އަގު މޮނީޓާކޮށް އެމްއެމްއޭގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށް ފެންނާނެ ގޮތް ހަދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ޑޮލަރު ގަނެ ވިއްކާ އަގަށް ގެނައި ކުއްލި ބަދަލާ އެކު މަރުކަޒީ ބޭންކުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެ ބަޔާނުގައި ބުނަނީ "މިހާރު ކަނޑައަޅާފައިވާ ބޭންޑް ހިފެހެއްޓުމަށް ޓަކައި ބޭންކްތަކާއި ކަމާ ބެހޭ މުއައްސަސާތަކަށް އެއްބާރުލުން ދޭނަމެވެ. އަދި އެ އޮތޯރިޓީގެ މަނިޓަރީ ގަވާއިދާއި ބޭރު ފައިސާއާ ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް މަސައްކަތްކުރާނެ،" ކަމަށެވެ.
މަރުކަޒީ ބޭންކުން ބަޔާނެއް ނެރުނު މި ދަނޑިވަޅުގައި ސަރުކާރުންނާއި ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބުގެ މަސްއޫލިޔަތު އަދާނުކުރާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ. އަދި ފަޒީލް މަގާމު ވަކި ކުރުމަށް މިހާރު ވަނީ މަޖިލީހަށް މައްސަލައެއް ވެސް ވައްދައިފަ އެވެ.