24 Apr 2010, 13:44
10:00
އައިސްލެންޑުގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ޔޫރަޕްގެ ފްލައިޓްތައް ކެންސަލްވެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވާތީ ދުވާލަކަށް 80،000 އެމެރިކާ ޑޮލަރުގެ ގެއްލުން ލިބެމުންދާ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭޒުން ބުނެފި އެވެ.
ވައިގެ މަގުން ރިސޯޓުތަކަށް ޓޫރިސްޓުން ގެންގޮސްދިނުމުގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭޒް ނުވަތަ ޓީއެމްއޭން ނެރުނު ނޫސްބަޔާނެއްގަ ބުނެފައިވަނީ، މިމަހުގެ 17 ވީ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ބަލާއިރު، ދުވާލަކަށް 62 ޕަސަންޓުން ޓީއެމްއޭގެ ފަސިންޖަރުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ. މީގެ ސަބަބުން ދުވާލަކަށް 80،000 އެމެރިކާ ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޓީއެމްއޭން ބުނެ އެވެ.
އެ ބަޔާނުގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އެޑްވަޑް އެލްފޯޑް ވިދާޅުވެފައިވަނީ، އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާގެ ސަބަބުން ދުނިޔޭގެ އެއާލައިންތަކަށާއި ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ޓީއެމްއޭވެސް ހިމެނޭ ކަމަށެވެ. އަދި އެކުންފުނިތަކުގެ ފައިސާ ދަނީ ހުސްވަމުން ކަމަށާއި، ޔޫރަޕްގެ މަގުން ދަތުރުކުރާ ފްލައިޓުތަކުގެ ދަތުރުތައް އަވަހަށް ނުފަށައިފިނަމަ ވަރަށް ސީރިއަސް މައްސަލަތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް އެޑްވަޑް ވިދާޅުވެފައި އެވެ.