ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާ އިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތް ލިސްޓްތަކުގެ 80 ޕަސެންޓް ސްކޫލްތަކަށް ފޯރުކޮށްދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ސްކޫލްތަކަށް ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މުހުސިން ވިދާޅުވި އެވެ.

"ފޮތްތައް ސްކޫލްތަކަށް ބަހަމުން މިގެންދަނީ، ދެން މޫސުމުގެ މައްސަލަތަކެއް އެބަހުރި، ދަތުރުފަތުރު ކުރުމުގައި. އެހެންނަމަވެސް އެ ގޮންޖެހުންތަކަށް ކުރިމަތިލައިގެން ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދަނީ. މިހާތަނަށް އައި އިރު ވަރަށް ބޮޑުބައި ނިންމާލެވިއްޖެ"، މުހުސިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާ އިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތް ލިސްޓުތައް ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މޫސުމާއި ދަތުރުފަތުރުގެ މައްސަލަތަކެއް ދިމާވެގެން އަޅުގަނޑުމެންނަށް އަންނަ ލަސްވުންތަކަށް ވެސް އެޓެންޑު ކުރަމުން މިދަނީ. ބައެއް ފަހަރު އިންޓާނަލް ފުލައިޓްތަކަށް އަރުވައިގެން ވެސް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން މިދަނީ،" މުހުސިން ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީ އިން ވަރަށް ފަހުން ވަނީ ބުނެފަ އެވެ.

އެގޮތުން ދިރާސީ އާ އަހަރު ފެށޭ އިރު، ރަސްމީ ތައުލީމު ފެށޭ އުމުރު ޕްރީ ސްކޫލު އުމުރަށް ބަދަލުކޮށް، ރާއްޖޭގެ ސުކޫލްތަކުގައި ރިކޯޑު އަދަދަކަށް ބިދޭސީ ޓީޗަރުން މަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.