ބަންގުލަދޭޝްގައި މާދަމާ ފަށާ ބަންގުބަންދު ގޯލްޑް ކަޕުގައި ބައެއް ކުޅުންތެރިން ނުކުޅެން ނިންމީ ގައުމީ ކޯޗު ރިކީ ހާބަޓްއާ މަޝްވަރާކޮށްފައި ކަމަށާއި ގޯލްޑް ކަޕަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމަކީ ސައުތު އޭޝިއަން ގޭމްސްއަށް ތަޖުރިބާތަކެއް ހޯދުން ކަމަށް ގައުމީ ކޯޗް ބުނެފި އެވެ.

ގޯލްޑް ކަޕަށް ގައުމި ޓީމު ވަމުންދާ ތައްޔާރުވުންތަކާ ބެހޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން ކޯޗު ބުނީ ބަންގުބަންދު ކަޕްގައި 23 އަހަރުން ދަށުގެ 14 ކުޅުންތެރިޔަކަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

ކޯޗް ބުނީ މުބާރާތުގައި ރާއްޖެއަށް ވަރުގަދަ މެޗުތަކެއް ކުޅެން ލިބުމަކީ އެކުޅުންތެރިންނަށް އެ މެޗްތަކުން ގިނަ ތަޖުރިބާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

"މުބާރާތުގައި ރާއްޖެއިން ކުޅެން ޖެހޭ ޓީމުތަކަކީ އެ ޓީމުތަކުގެ ފެންވަރަށް ބަލާއިރު ރާއްޖެއަށް ވުރެ ފެންވަރު ރަނގަޅު ޓީމުތައް. އެހެންވެ އެ މެޗްތައް ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށްވާނެ. އެކުޅުންތެރިންނަށް މިމުބާރާތުން ފުރުސަތު ދިނުމުގެ ބޭނުމަކީ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުން" ކޯޗް ހާބަޓް ބުންޏެވެ.

ކޯޗު ބުނީ ބަންގުބަންދު މުބާރާތުގައި ބައެއް ކުޅުންތެރިން ނުކުޅެން ނިންމުމުގެ ކުރިން މަޝްވަރާއަށް އެދުމުން ކަމަށާއި އެ ކުޅުންތެރިންގެ ހުށަހެޅުމަށް ހުއްދަ ދީފައިވާނެ ކަމަށެވެ.

ގައުމީ ކޯޗުގެ މަޝްވަރާއަށް އެދުނު ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އެއް ނަމްބަރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ފޯވާޑު އަސަދުﷲ އަބްދުﷲ އާއި ޑިފެންސިވް މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ.

ބަންގުބަންދު ގޯލްޑްކަޕްގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ބަނގުލަދޭޝްގެ އޮލިމްޕިކް ޓީމާއި ބަހުރެއިންއާއި ކެމްބޯޑިއާއެވެ.

އެ މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ފުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ފުރުތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކެމްބޯޑިއާ ދެކޮޅާށެވެ. މުބާރާތުގައި ވާދަ ކުރުމަށް ރާއްޖެ ބަންގުލަދޭޝްއަށް ފުރާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވާ އެ މުބާރާތަކީ 1996 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްއިން ބާއްވަމުން އަންނަ މުބާރާތަކެވެ.