ތަރާބުލުސް (ޖެނުއަރީ 7): ލީބިޔާގެ ތެޔޮ ރައްކާކުރާ ދެ ޓާމިނަލަކަށް އައިއެސް އިން ދިން ހަމަލާތަކުގެ ސަބަބުން ހަތަރު ތެޔޮ ޓޭންކެއްގައި އަލިފާން ރޯވެއްޖެ ކަމަށް ލީބިޔާގެ ނެޝަނަލް އޮއިލް ކޮމްޕެނީން އިއްޔެ ބުނެފި އެވެ.

އޭގެއިން ކޮންމެ ތެޔޮ ޓޭންކެއްގައި 400،000 ބެރެލްގެ ތެޔޮ ރައްކާކޮށްފައިވާ ކަމަށް ލަފާކުރެވެ އެވެ.

ހޯމަ ދުވަހު އައިއެސް އިން ލީބިޔާގެ ތެޔޮ ޓާމިނަލްތައް ހިފުމަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ސަލާމަތީ 10 ގާޑުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ލީބިޔާގެ ސަރުކާރުން ދަނީ އެސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އައިއެސްއަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އައިއެސް އިން ލީބިޔާގައި ހަރަކާތްތެރިވާތާ އަހަރެއްވެއްޖެ އެވެ. އަދި ޑިސެމްބަރު މަހު ފްރާންސުން ވަނީ އައިއެސްގެ މަގްސަދަކީ ލީބިޔާގެ ތެޔޮ ޓާމިނަލްތައް ހިފުން ކަމަށް ބުނެ ލީބިޔާ އަށް އިންޒާރު ދީފަ އެވެ.

ޕެޓްރޯލް ފެސިލިޓީސް ގާޑްސް މިލިޓިއާ އިން ބުނީ ހަތަރު ޓޭންކްގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އައިއެސްގެ 30 ހަނގުރާމަވެރިއެއް މަރުވެފައިވާ ކަމަށާއި އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރި އުޅަނދުތަކެއް ލީބިޔާގެ އަސްކަރީ ފަރާތްތަކުން ހިފާފައިވާ ކަމަށެވެ.

ތެލަކީ ލީބިޔާގެ މައި ގުދުރަތީ ވަސީލިތެވެ. އެގައުމުގެ ރިޒާވްގައި 48 ބިލިއަން ބެރެލްގެ ތެޔޮ ހުރި ކަމަށް ލަފާކުރެވެ އެވެ. (ނޫސްއޭޖެންސީތައް)