ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭބަންދަށް ބަދަލު ކުރި ލިޔުން ހަވާލު ކުރި ބަޔަކު ހޯދައި އެ މައްސަލަ ތަހުގީގު ކުރި ނަމަވެސް އެލިޔުމަކީ ސައްހަ ލިޔުމެއް ކަމަށާއި އެ ލިޔުމުގައި ބުނެފައިވާ ގޮތަށް ހުކުމުގެ ބާކީ ބައި ގޭގައި ތަންފީޒު ކުރާ ގޮތަށް ނިންމައިދޭން ޖެހޭނެ ކަމަށް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ނަޝީދަށް އެ ލިޔުން ހަވާކުރަން ދިޔަ މީހުން ހޯދަން ފުލުހުން ވަނީ އެމަނިކުފާނުގެ ވަކީލު ހަސަން ލަތީފާއި ބޭބެ ޑރ. އިބްރާހިމް ނާޝިދު އާ ސުވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައ ވަނީ ނަޝީދު ގޭބަންދަށް ބަދަލުކުރަން ދިން ލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ލެޓަރހެޑްގައި ޕްރިންޓްކޮށް، އެއިދާރާގެ ސިޓީ ނަންބަރު ޖަހައި، އެ އިދާރާގެ ތައްގަނޑު ވެސްޖަހައި، އެ އިދާރާ އިން ރައީސް ނަޝީދާ ހަވާލުކޮށްފައިވާ ލިޔުމެއް ކަމަށެވެ. އެހެންކަމުން އެލިޔުމުގެ ސައްހަކަން ކަށަވަރުވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން އެކިއެކި ފަރާތްތަކާ އެކު ކުރާ މުއާމަލާތްތައް ކުރުމުގައި "ސަރުކާރުން ނުކިއްސަރުކޮށް އަމަލުކޮށްފައިވުމަކީ" އެމުއާމަލާތުގެ އަނެއް ކޮޅުގައި ހުރި ފަރާތަށް އޭގެން ނުރަނގަޅު އަސަރެއް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ރައީސް މުހައްމަދު ނަޝީދަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސްއިން ހަވާލުކޮށްފައިވާ ލިޔުމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސް އިން ބައްލަވައި، އެލިޔުން ޙަވާލުކުރުމުގައި ނުރަނގަޅު އިޖުރާއާތެއް ހިނގާފައިވާ ނަމަ އެކަން ކުރިބަޔަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، އެސިޓީ މެދުވެރިކޮށް ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ލިބިދީފައިވާ ލުއި އަނބުރާ އެމަނިކުފާނަށް ދެއްވަން ޖެހޭ" ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދުގެ ފަރާތުން އެދިފައި ވަނީ އެސިޓީއަށް އަލުން އަމަލުކުރަން ފަށައި އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

އެލުޔުމުގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެލިޔުމުގެ ސައްހަ ކަމާމެދުވެސް ބަހެއް ބުނެފައި ނުވާއިރު އެކަމާ ގުޅިގެން ފުލުހުން ދަނީ ބައެއް ފަރާތްތަކާ ސުވާލު ކުރަމުންނެވެ.