07 Jan 2016, 11:09
އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފަކަށް މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖުދަތުރެއް ދޭން އެ މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ އެންމެ ރަނގަޅު މުވައްޒަފަށް މިނިސްޓްރީގެ ފަރާތުން ހައްޖު ދަތުރެއް ދޭނެ ކަން މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު އިއުލާން ކުރެއްވީ 2015 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ކަމަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ހަނދާނީ ލިއުން ދީފައި ވަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށް ފަހު، 2015 ވަނަ އަހަރު 80 ޕަސެންޓާއި 90 ޕަސެންޓް ހާސިލުކުރި މުވައްޒަފުންނަށެވެ. އެމުވައްޒަފުންނަށް ހަނދާނީ ލިއުން ބައްސަވައިދެއްވީ މިނިސްޓަރު ޑރ. ޒިޔާދު ބާޤިރެވެ.
އިސްލާމިކް މިނިސްޓްރީގައި 2015 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ ގޮތުގައި ހޮވިފައި ވަނީ ހދ. ނޭކުރެންދޫ އިރުދޭމާގޭ ހާޖަރާ ޔަޙުޔާއާއި މ. ނިއު ހިލްމަން އިބުރާހީމް އާތިފެވެ. އެދެ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙުމަދު ސުލައިމާނެވެ.