07 Jan 2016, 11:12
ކޮޕާޑެލެރޭގެ ފުރަތަމަ ލެގްގައި މެސީ ކާމިޔާބު ކުރި ދެ ގޯލާއި އެކު 4-1ގެ ނަތީޖާއަކުން އެސްޕަނިޔޯލްގެ މައްޗަށް ބާސެލޯނާ އިން ކުރިހޯދައިފި އެވެ.
އެ މެޗުގެ ނުވަ ވަނަ މިނެޓްގައި ސައިސެޑޯ ކާމިޔާބް ކުރި ގޯލާ އެކު އެސްޕަނިޔޯލް އިން ވަނީ ލީޑް ނަގާފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން މެސީ ވަނީ ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދީ ދެވަނަ ހާފް ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑް ނަގައި ދީފަ އެވެ.
ދެވަނަ ހާފްގައި ބާސާ އިން ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މެޗުގެ 49 ވަނަ މިނެޓްގައި ޖެރާޑް ޕީކޭ ޖެހި އިރު އަނެއް ގޯލް 88 އަށް ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާ އެވެ.
ބާސަގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗުގައި އެ ޓީމާއި މީގެ ހަ މަސް ދުވަސް ކުރިން ގުޅުނު އެލެކްސް ވިޑާލް އާއި އަރްޑާ ތުރާން ވަނީ ފުރަތަމަ ފަހަރަށް ބާސާގެ ޖާޒީގައި ކުޅެން ނިކުމެފަ އެވެ.
ދެވަނަ ލެގްގައި އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސާ އާއި އެސްޕަނިޔޯލް ކުޅޭ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެސްޕަނިޔޯލްގެ ދަނޑުގަ އެވެ.
އެ މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެތުލެޓިކޯ ބިލްބާއޯ ވަނީ 3-2 ގެ ނަތީޖާ އަކުން ވިލެރިއާލް ބަލިކޮށްފަ އެވެ. ރަޔޯ ވެލްކަނޯ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމުނު އިރު އަލްވާރީންގްރެޑޯ ގެ ހެޓްރިކާ އެކު 4-0ގެ ނަތީޖާ އަކުން ވެލެންސިއާ އިން ގުރެނެޑާ ވަނީ ބަލިކޮށްފަ އެވެ.