މާލޭގެ މަގެއް މަތީން މަރުވެފައި އޮތް ދިވެހި އަންހެނަކު ފެނިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ލ. ގަން، ހައްވާ ޒުހާ،23، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ގ.ދޫހިމެރިމަގުގެ ގޯޅިއެއްގެ ތެރޭގައި އަންހެނަކު ވެއްޓިފައި އޮތްކަން ރޭ ފަތިހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކުއްޖާ މަރުވި ސަބަބު ތަހުގީގު ކުރަމުންދާތީ އެކަމާ ބެހޭ ތަފްސީލު ފުލުހުން ހާމައެއް ނުވެ އެވެ.

އެ އަންހެން ކުއްޖާގެ އާއިލާ އިން ސަން އަށް މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ އަކީ ކުރިން މަސްތުވާތަކެތި ބޭނުން ކުރި ކުއްޖެކެވެ. އޭނާ މާލެ އައިސްގެން އުޅެނީ ރިހެބުން ފަރުވާ ހޯދުމުގެ ތެރެއިން ކަމަށް ވެސް އާއިލާ އިން ސަން އަށް މައުލޫމާތު ދިނެވެ.