ފެމިލީ ކޯޓުގެ ކުޑަދޮރަކުން ފުންމާލައިގެން މިދިޔަ މަހު ފިލި މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އާއިލީ މައްސަލައެއްގައި މިދިޔަ މަހުގެ 27ގައި ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް ފިލި، މއ. އާފަލުގޭ މުހައްމަދު މުޖްތަބާ،25، ހައްޔަރުކޮށްފައި ވަނީ ރޭ 11:15 ހާކަންހާއިރު ޖަމާލުއްދީން ސްކޫލް ސަރަހައްދުން ކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ގެއެއްގައި ހުއްޓައި ކަމެއް ނުވަތަ ނޫން ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ. ޝިޔާމް ވިދާޅުވީ އެކަމާ ބެހޭ ތަފްސީލް މީޑިއާ އަށް ފަހުން ދެއްވާނެ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވައްކަމާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކެއް ސާބިތުވެގެން ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައި ހުރި މުޖްތަބާ ފިލައިފައި ވަނީ ވަރި ސާބިތު ކުރުމުގެ މައްސަލަ އެއްގައި ފެމިލީ ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

މުޖްތަބާ އަކީ މީގެ ކުރިން ވެސް އެކިފަހަރު މަތިން ޖަލު ބަންދުގައި ހުއްޓައި ފިލާފައިވާ މީހެއް ކަމަށާއި ފިލައިގެން އުޅޭއިރު އޭނާ ސިފަބަދަލުކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މުޖްތަބާ އަކީ 3.48 ކިލޯގެ މަސްތުވާތަކި ބެހެއްޓުމާއި ބޭނުން ކުރުމުގެ މައްސަލައެއް ސާބިތުވެގެން، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު މަތިން 12 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ ކޮށްފަ އެވެ.