ދިވެހި ނޫސްވެރިން އަދި މީޑިއާ ކުރިއަރުވައި ތަރައްގީ ކުރުމަށް އުފައްދާފައިވާ މީޑިއާ ޑިވެލަޕްމަންޓް ފައުންޑޭޝަން (އެމްޑީއެފް)ގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެ ފައުންޑޭޝަންގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެ ފައުންޑޭޝަންގެ ޗެއާމަނަކަށް އިންތިހާބުކޮށްފައި ވަނީ، ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ)ގެ ކުރީގެ ރައީސް އަދި ސަން އޮންލައިންގެ ޗީފް އެޑިިޓަރު ހިރިގާ އަހުމަދު ޒާހިރެވެ.

އެފައުންޑޭޝަންގެ ކޯ ޗެއާއަކަށް، އެމްޖޭއޭގެ ނާއިބު ރައީސް އަލީ ޝައްމާން އިންތިހާބުކޮށްފައިވާ އިރު ހަޒާންދާރަކަށް އިންތިހާބުކޮށްފައި ވަނީ ދިޓީވީގެ އެޑިޓަރު އަދި ސީއީއޯ މިދުހަތު އާދަމެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް އެމްވީ ޓީވީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު އިންތިހާބުކޮށްފައިވާ އިރު ސެކްރެޓަރީ އަކަށް އިންތިހާބުކޮށްފައި ވަނީ ދިޓީވީގެ ނޫސްވެރިޔާ މަރިޔަމް ޝައުޝަތު އެވެ.

އެމްޑީއެފް އިން މިއަދު ސަން މީޑިއާ ގްރޫޕްގެ ސުޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފައުންޑޭޝަންގެ ޗެއާމަން ހިރިގާ ވިދާޅުވީ އެ ފައުންޑޭޝަންގެ އަމާޒަކީ މީޑިއާ ތަރައްގީ ކުރުމާއި މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެމްޖޭއޭގެ ރައީސްކަން ވެސް ކުރައްވާފައިވާ ހިރިގާ ވިދާޅުވީ ނޫސްވެރިންގެ ހައްގުގައި ވާހަކަ ދައްކާނެ ޕްލެޓްފޯމެއް ނެތުމުގެ ނިކަމެތިކަން އިހުސާސް ކުރެވޭ ކަމަށާއި ނޫސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށެވެ.

"ފޯކަލް ޕޮއިންޓްތަކެއް ނެތީމާ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި މިއަދު ތައާރަފު ކުރެވޭ ފައުންޑޭޝަން ގާއިމު ކުރެވުނީމާ ޕްލެޓްފޯމެއް ގާއިމު ކުރެވިގެންދާނެ." ހިރިގާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ކޯ ޗެއާ ޝައްމާން ވިދާޅުވީ އެފައުންޑޭޝަނުން ނޫސްވެރިންގެ ތަރައްގީ އަށް ރާއްޖޭގައި ތަފާތު ޕްރޮގުރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަށް ރާއްޖެ އިން ބޭރުން ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނޫސްވެރިންނަށް މިހާރު ވެސް ބައެއް ފުރުސަތު ލިބިފައިވާ ކަމަށް ޝައްމާން ވިދާޅުވި އެވެ.

މިއަދު ތައާރަފްކުރި ފައުންޑޭޝަންގެ އިސްސަފުގައި ހަރަކާތްތެރިވަނީ ނޫސްވެރިންގެ ޖަމިއްޔާގެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެވެ. އެމްޖޭއޭ އިން ވަނީ ދިވެހި ނޫސްވެރިންގެ ތަރައްގީއަށް 18 ސްކޮލާޝިޕް ހޯދައިދީފަ އެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ފްރީލާންސްގެ ގޮތުގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ތަނަވަސްކޮށްދީ އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް ފައުންޑޭޝަންގެ މަގުސަދެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ހޯދައިދިނުން ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިން ތަމްރީނު ލިބިފައިވާ، ބޭރުގެ ޕްރޮފެސަރުންނާއި ލެކްޗަރުން، ރާއްޖެގެނުވައި އެކިއެކި ޚާއްސަ ލެކްޗާތައް ދިނުން ވެސް ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.