ސޯލް (ޖަނަވަރީ 7) : އުތުރުކޮރެޔާ އިން ނިއުކްލިޔާ ތަޖުރިބާތައް ކުރަމުން ގެންދިޔަސް ނިއުކްލިޔާ ހަތިޔާރު ތަރައްގީކުރަން ގަސްދު ނުކުރާ ކަމަށް ދެކުނު ކޮރެޔާ އިން ބުނެފި އެވެ.

ދެކުނު ކޮރެޔާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ހާންމީން ކޫ ވިދާޅުވީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރަށް ރައްދު ދެވޭ ފަދަ ނިއުކްލިޔާ ޑިޓަރެންޓެއް ދެކުނު ކޮރެޔާގައި ގާއިމް ކުރުމަށް ދެކުނު ކޮރެޔާގެ ބައެއް ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް ތާއީދު ނުކުރައްވާ ކަމުގަ އެވެ. ހައްލަކީ ދެކޮރެޔާގެ ދެމެދުގައި ސުލްޙަ ގާއިމްކޮށް ދެގައުމުގެ ދުޝްމަންކަން ކުޑަކުރުން ކަމަށާ ނިއުކްލިޔާ ހަތިޔާރުން ރައްދު ދިނުންނޫންކަމަށް ކޫ ވިދާޅުވި އެވެ.

އުތުރުކޮރެޔާ އިން ހައިޑްރިޖަން ބޮމެއް ތަޖްރިބާކުރިކަން އިޢލްނާކުރުމާ އެކު ދެކުނު ކޮރެޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކުއްލި ޖަލްސާއެއް ބާއްވައި އެކަމާބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ އުތުރުކޮރެޔާގެ މިއަމަލުކުށްވެރިކޮށް އެގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދޭ ބަޔާނެއް ފާސްކޮށްފަ އެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގިއުން ހައި އަށް ފޯނުކުރައްވައި މިމައްސަލައާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެމެރިކާއަކީ ދެކުނު ކޮރެޔާގެ އިގްތިސާދީ އަދި އަސްކަރީ އެންމެ ބޮޑު ބައިވެރިޔާއެވެ. އުތުރުކޮރެޔާއިން ކުރިމަތިކޮށްފާނެ އަސްކަރީ ނުރައްކަލަކާ ކުރިމަތިލުމަށް ޓަކައި އެމެރިކާގެ 40 ހާސް ސިފައިންގެ ލަޝްކަރެއް ބަރުހަތިޔާރާ އެކު ދެކުނު ކޮރެޔާގައި ރުކުރުވާލާފައިވެ އެވެ. އުތުރުކޮރެޔާ ދެކުނު ކޮރެޔާ ދެކެ އެންމެ ބޮޑަށް ރުޅިއަންނަނީ މިމައްސަލާގަ އެވެ. ދެކޮރެޔާއަކީ ކުރިން އެއްގައުމެކެވެ.

އެގައުމު ދެބަޔަށް ބައިވެގެންދިޔައީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގަ އެވެ. އުތުރުކޮރެޔާއަކީ އެކަހެރި ގޮތެއްގައި އުޅެމުންދާ ހަރުކަށި ވިސްނުމުގެ ގައުމެކެވެ. ނަމަވެސް އުތުރުކޮރެޔާއަކީ ވެސް އަސްކަރީ ޓެކްނޮލޮޖީގައި ވަރަށްބޮޑަށް ކުރިއަރާފައިވާ ބާރުގަދަ އަދި އަސްކަރީ ޑިސިޕްލިން ވަރުގަދަ ނަމަވެސް ޚުދު މުޚްތާރު ވެރިކަމެއްކުރާ ގައުމެކެވެ. މިއާ ޚިލާފަށް ދެކުނު ކޮރެޔާއަކީ ޒަމާނީ މަދަނީ ޓެކްނޮލޮޖީގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވާދަކުރަމުންދާ މޮޅު މުއްސަނދި އަދި ޑިމޮކްރެޓިކް ގައުމެކެވެ.

އުތުރުކޮރެޔާއިން އިއްޔެ ތަޖްރިބާކުރިކަމަށްބުނާ ހައިޑްރިޖަން ބޮމަކީ ނިއުކްލިޔަރ އެއްހާސް ބޮމުގެ ބާރުމިނާ އެއްވަރުގެ ވަރުގަދަ ބޮމެކެވެ. މިބޮން ކާމިޔާބުކަމާއެކު ތަޖްރިބާކުރިކަމަށް އުތުރުކޮރެޔާ ބުނިނަމަވެސް ދެކުނު ކޮރެޔާއިންވަނީ އެތަޖްރިބާ އެހާ ކާމިޔާބު ނޫންކަމަށް ބުނެފައެވެ. އަދި އެމެރިކާއިންވަނީ އުތުރުކޮރެޔާއިން ތަޖްރިބާކުރީ ނިއުކްލިޔަރ ބޮމެއް ކަމަށާ ހައިޑްރިޖަން ބޮމެއްނޫންކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)