07 Jan 2016, 10:23
ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައެޅި ސަފީރު ޢަބުދުﷲ ޙަމީދު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދަށް އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރުކަމުގެ ފަތްކޮޅު އެރުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައިވާ ސައުދީ ޝާހީ އާއިލާގެ ގަނޑުވަރު އަލް ޔަމާމާގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެރަސްމިއްޔާތުގައި ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ނާއިފް ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދާއި ފޮރިން މިނިސްޓަރު އާދިލް ބިން އަޙުމަދު އަލް ޖުބައިރާއި ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރު ޑރ. އާދިލް ބިން ޒައިދު އަލް ތުރައިފީއާއި ޝާހީ ދަރުބާރުގެ ރައީސް އަދި ސްޓޭޓް މިނިސްޓަރު ޚާލިދު ބިން ޢަބުދުއް ރަޙުމާން އަލް އިއްސާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރަސްގެފާނު ސަލްމާނަށް ހެޔޮ އެދުންތައް ރައްދުކުރައްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރަސްގެފާނު ސަލްމާން ވެސް ރައީސް ޔާމީނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދުކުރެއްވި އެވެ.