ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން، ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީސެލް އާއެކު ނަގާފައިވާ ފޮޓޯއެއް މިދިޔަ ޑިސެމބަރު މަހު ސޯޝަލް މީޑިއާގައި އާއްމުވުމާއި ގުޅިގެން ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ.

ޓުރިޕަލް އެކްސް ގެ ލޯގޯ ފަހަތުން ފެންނަން ހުންނަ އެ ފޮޓޯ ޓުވީޓު ކުރީ ދީޕިކާ އެވެ. ދީޕިކާ އެ ފޮޓޯ ޓުވީޓު ކުރުމާއެކު، އޭނާ އާއި ވިންޑީސެލް އެކުގައި ޓްރިޕަލް އެކްސް ގެ ފިލްމެއް ކުޅެން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިހާތަނަށް އައި އިރުވެސް ދީޕިކާ އެ ވާހަކަތައް ދޮގުކޮށްފައި ނުވާއިރު، އަންނަ މަހު އޭނާ އެ ފިލްމަށް ޝޫޓު ކުރަން ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ޓުރިޕަލް އެކްސްގެ ފިލްމު ދަ ރިޓާން އޮފް ޒެންޑާ ކޭޖުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ ދާދީ ފަހުން ކުރި ޓުވީޓެއްގައި ވެސް، އޭނާގެ ފިލްމުގައި ދީޕިކާ ކޮންމެ ވެސް ރޯލެއް އަދާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ފިލްމުގެ ޝޫޓިންގު މި މަސްތެރޭގައި ފެށި ނަމަވެސް، ދީޕިކާ އެ ފިލްމަށް ޝޫޓު ކުރަން ފައްޓާނީ އަންނަ މަހު ކަމަށް ވެސް އޭނާގެ ޓުވީޓުގައި ބުނެފައިވެ އެެވެ.

މިހާތަނަށް އައި އިރު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދީޕިކާ އަކީވެސް ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާ ފަދައިން ހޮލީވުޑްގައި ފިޔަ ޖަހާލާނެ ކާމިޔާބު ތަރިއަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.