މަޝްހޫރު ސޯޝަލް ނެޓްވޯކިންގް އެޕްލިކޭޝަން ޓުވިޓާ ކަމުނުދާ ބަޔަކަށް އެ ކަމު ނުދަނީ، ބުނަން ބޭނުންވާ ވާހަކަ މާ ކުރުކޮށް ބުނަން ޖެހޭތީ އެވެ. ކޮންމެ ޓުވީޓެއް ވެސް ޖެހެނީ 140 އަކުރަށް ފައްތާށެވެ. މިއީ ބައެއް މީހުންނަށް އުނދަގޫ ކަމެކެވެ.

އެހެން ނަމަވެސް، ޓުވިޓަރއާ ގާތް ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، 140 އަކުރަށް ވުރެ ދިގުކޮށް ޓުވީޓު ކުރެވޭނެ ދުވަސް ވަނީ ދާދި ގާތުގަ އެވެ.

ޓުވިޓާއާ ގާތް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، 140 އަކުރުގެ ލިމިޓުން، 10،000 އަކުރުގެ ލިމިޓަށް އެއް ޓްވީޓު ދިގު ކުރުމުގެ ވިސްނުން ޓުވިޓާގެ މެނޭޖްމެންޓުން ދަނީ ގެންގުޅެމުންނެވެ.

މީގެ ކުރިން ޓުވިޓަރގެ ޑައިރެކްޓް މެސެޖް (ޑީއެމް) ފީޗާގައި ވެސް 140 އަކުރުގެ ލިމިޓު ގެންގުޅެމުން އައި އިރު، އެ ލިމިޓް ވަނީ މިދިޔަ އަހަރުގެ ތެރޭގައި 10،000 އަކުރުގެ ލިމިޓަށް ޓުވިޓާ އިން ބޮޑުކޮށްފަ އެވެ.

ޓެކްނޮލޮޖީގެ ކަންކަމާ ބެހޭ ޚަބަރުތައް ރިޕޯޓުކުރާ ވެބްސައިޓް "ރީ ކޯޑް" އިން ބުނާ ގޮތުގައި، ޓުވިޓާ އިން މިހާރު އަންނަނީ 10،000 ކެރެކްޓަރުގެ ޓްވީޓުގެ މަސައްކަތް ޓެސްޓު ކުރަމުންނެވެ. އެ ވެބްސައިޓުން ލަފާ ކުރާ ގޮތުގައި، މި ޓުވީޓުތައް އާދައިގެ ޓުވީޓުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، ހަޤީޤަތުގައި ފެންނާނީ އެ ޓްވީޓުގެ ފުރަތަމަ 140 އަކުރެވެ. އޭގެ އިތުރަށް ޓްވީޓު ބަލައިލަން ބޭނުންވާ ނަމަ، އެ ޓުވީޓަށް ޖެހޭނީ ކްލިކް ކޮށްލާށެވެ. މިޔަށް ކިޔަނީ "އެކްސްޕޭންޑެޑް ޓްވީޓްސް" އެވެ.

މިކަމާ ގުޅިގެން ޓުވިޓާ އިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެން ނަމަވެސް، ޓުވިޓާ އަށް އައިސްދާނެ މި އާ ފީޗާރއާ ގުޅިގެން ޓުވިޓާ ޔޫޒަރުން މާޔޫސްކަން ހާމަ ކުރަން ފެށުމުން، ޓުވިޓާގެ ސީއީއޯ ޖެކް ޑޯސީ ވަނީ އެކަމާ ގުޅޭގޮތުން ޓުވީޓެއް ކުރައްވައިފަ އެވެ.