14 Apr 2011, 10:27
ވިލިމާލޭގައި ހޯމަ ދުވަހު ހަވީރު ހިންގި ނުރައްކާތެރި މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އަހުމަދު މިރުޒާ ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ރޭ ދަންވަރު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ބޮލުގައި އެއްޗަކުން ޖަހައި ޒަހަމް ކޮށްލުމުން "ބްރެއިން ޑެޑް" ވެފައި އޮތް ނ. މާޅެންދޫ އަހުމަދު މިރުޒާ 25، ހޭނާރާ އޮވެ މަރުވީ ރޭ ދަންވަރު 2:45 އެހާކަންހާއިރު ކަމަށެވެ.
މިރުޒާގެ ބޮލުގައި އެއްޗަކުން ޖަހާ ޒަހަމްކޮށްލި ފަހުން އޭނާ މަރުވުމާ ހަމައަށް ވެސް އޮތީ ކޯމާއެއްގަ އެވެ. އިއްޔެ ވެސް މިރުޒާ މަރުވި ކަމުގެ ރިޕޯޓްތަކެއް ލިބުނު ނަމަވެސް އައިޖީއެމްއެޗުން އިއްޔެ ބުނީ މިރުޒާގެ ސިކުޑިވަނީ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ އާއިލާގެ އެދުމުގެ މަތިން ކަމަށާއި ޑޮކްޓަރުން ވެސް އޭނާ އާ މެދު އުންމީދު ކަޑާލާފައިވާ ކަމަށް އައިޖީއެމްއެޗުންބުންޏެވެ.
އާއިލާއިން ބުނީ މިރުޒާ އަށް ހަމަލާދިނީ ވިލިގިލީގައި އުޅޭ އަންހެން ކުއްޖަކާ އޭނާ ފޮށުނު ކަމަށް ބުނެ ކަމަށެވެ.