06 Jan 2016, 22:20
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބުދުއްރަހީމް އެ މަގާމުން މިއަދު އިސްތިއުފާދީފި އެވެ.
ގައުމީ ޓީމުން އިސްތިއުފާ ދިންކަން ހާމަކުރަމުން އަސްލަމްގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވަނީ، މަގާމުން އިސްތިއުފާ ދިނީ ޓީމުގައި ކީޕަރު ޓްރެއިނަރަކު ހުރުމުގެ ބޭނުމެއް އޭނާއަށް ނުފެންނާތީ ކަމަށާއި އެ ނިންމުމަކީ އޭހާ ފަސޭހަވި ނިންމުމެއް ނޫން ކަމަށެެވެ.
"އަހަންނަށް ނުފެނޭ ގައުމީ ޓީމުގައި ގޯލްކީޕަރު ޓްރެއިނަރެއް ހުރުމުގެ މުހިންމުކަން. މިހެންވެ އަހަރެން ނިންމައިފިން ޓީމާއެކު ނުދާން. އަހަރެން އެދެނީ ދިވެހި ގައުމީ ޓީމާއި ކުޅުންތެރިންނަށް ފާގަތި މުސްތަގްބަލެއް،" އަސްލަމް ބުނެފައި ވެއެވެ.
ކުރީގެ ގައުމީ ކީޕަރު ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރގެ މަގާމުން އިސްތިއުފާ ދީފައި މިވަނީ، ކޯޗާމެދު ހިތްހަމަނުޖެހިގެން ޓީމުގެ އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްޣަނީ ވެސް މިއަދު އިސްތިއުފާ ދީފައިވަނިކޮށެވެ.
Today I have taken the most difficult and painful decision in my football career, I don't see any importance of a...
Posted byAar Abdul RaheemonWednesday, January 6, 2016
ނިއު ރޭޑިއަންޓާއި ވެލެންސިއާގައި ކީޕަރެއްގެ ގޮތުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަސްލަމް ވަނީ މިދިޔަ ސީޒަނުގައި އީގަލްސްގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ވެސް ހަރަކާތް ތެރިވެފައެވެ.
ގައުމީ ކޯޗް ރިކީ ހާބްޓްއާ ކޯޗިން ސްޓާފުންނާއި ގުޅުން ގޯސްވެފައިވާ މި ދަނޑި ވަޅުގައި ގައުމީ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން ތަކެއް ވަނީ ގައުމީ ޓީމުން ބައިވެރިވާން ނިންމާފައިވާ ގޯލްޑް ކަޕަށް ނުދާން ނިންމައިފައެވެ.
އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އިމްރާން މުހައްމަދާއި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަސަދުﷲ އަބްދުﷲގެ އިތުރުން ޒުވާން ޑިފެންޑަރު އަމްދާން އަލީ ހިމެނެއެވެ.
އެހެން ނަމަވެސް ބަންގުލަދޭޝްގައި މިމަހުގެ 8-18 އަށް ކުރިއަށްދާ އެ މުބާރާތުގައި އެ ފަސް ކުޅުންތެރިން ނުދާން ނިންމާފައިވަނީ އަމިއްލަ ސަބަބުތަކަކާ ހުރެކަމަށް ވަނީ ބުނެފައެވެ.