ޖޫން މަހުގައި މިއަހަރުގެ ރަމަޟާން މަސް އަންނާތީ މުސްލިމު ދަރިވަރުންނަށް އުނދަގޫ ނުވާނޭ ގޮތަށް ޖީސީއެސްއީ އަދި އޭލެވެލް އިމްތިހާންގެ "ކޯ" މާއްދާތަކުގެ ޓައިމްޓޭބަލްތަކަށް ބަދަލުތަކެއް ގެނައުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ އިމްތިހާންގެ ކަންތައް ބަލަހައްޓާ ޖޮއިންޓް ކައުންސިލް ފޮ ކޮލިފިކޭޝަން (ޖޭސީކިއު) އިން ބުނެފި އެވެ.

މިއަހަރުގެ ރޯދަ މަސް އަންނަނީ ޖޫން މަހުގެ ހަޔަކުން ޖުލައި މަހުގެ ފަހެއްގެ ނިޔަލަށެވެ. ގިނަ ޓީޗަރުންތަކެއް ބުނެފައިވަނީ ރޯދައަށް ތިބެ އިމްތިހާން ހެދުމުގައި ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތި ވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޯ މާއްދާތައް ކަމަށްވާ ހިސާބާއި އިނގިރޭސީގެ ޓައިމްޓޭބަލްތަކަށް މިހާރު ބަދަލު ގެނައުމަށް އެ ބޯޑުން ވަނީ ނިންމާފައެވެ. ނަމަވެސް ގިނަ މީޑިއާތަކުން ބުރަ ވަނީ ޖޭސީކިއު އިން އަންނަނީ ޓައިމްޓޭބަލަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުން ކަމަށެވެ.

ޖޭސީކިއު އިން ބުނެފައިވަނީ ޓައިމްޓޭބަލަށް ބަދަލު ގެނައުމަށް ނިންމާފައިވީ ނަމަވެސް އެހާ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ. އެގޮތުން އިމްތިހާން ހެދުމުގެ ތާރީހު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭސީކިއު އިން ބުންޏެވެ. އަދި އިމްތިހާންގެ ވަގުތު އިތުރު ކުރުމަކީވެސް ކުރެވޭނޭ ކަމެއް ނޫން ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.

އިމްތިހާން ބާއްވާ ވަގުތުތައް ހެނދުނު ގަޑިއަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމަށް މަޝްވަރާ ކުރަމުން ދާކަމަށް ޖޭސީކިއު އިން ބުނެފައި ވެއެވެ.