06 Jan 2016, 19:41
ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައުފްގެ މައްޗަށް އާއިލާގެ މެމްބަރަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާ އުފުލައިފިއެވެ.
އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދާމާ 1:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.
އެ މައްސަލަ ޝަރީއަތަށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ރައޫފަށް އިއްވާނެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ، ރައުފަކީ މީގެ ކުރިންވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ.
ސަތީހު ވިދާޅުވީ، އޭނާ މީގެކުރިން އާފިޔާއަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ.