އިސްލާމިކް ރިސޯޓް ކޮންސެޕްޓަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓްގެ ގޮތުގައި ތުރުކީގެ ކުންފުންޏަކާ ގުޅިގެން އޭޑީކޭ އިން ށ. ގާކޮށިބީގައި ތަރައްގީކުރަން ފެށި ރިސޯޓް ސިންގަޕޫރުގެ ކުންފުންޏަކަށް ވިއްކާލައިފި އެވެ.

ސިންގަޕޫރުގެ އެސްސީ ކެޕިޓަލް ގްރޫޕުގެ ހިއްސާވާ ޖީއެޗްބީ މޯލްޑިވްސް ރިސޯޓްސް އަށް ގާކޮށިބީ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި އެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭޑީކޭގެ އިސްވެރިޔާ އަހުމަދު ނާޝިދު ބައިވެރިވެވަޑައިގަތެވެ.

ނަމަވެސް ސިންގަޕޫރުގެ ކުންފުންޏަށް އެރަށް ވިއްކާލާފައިވަނީ ކިހާ ވަރަކަށް ކަމެއް އަދި ރިސޯޓް ތަރައްގީކޮށް އެއްކޮށް ނިންމާ ހުޅުވޭނެ ތާރީހެއް ވެސް ހިއްސަކޮށްފައެއް ނުވެއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިރޭ ވިދާޅުވީ، ސިންގަޕޫރު ކުންފުންޏަށް އެ ރިސޯޓް ވިއްކާލާފައިވަނީ "ވަރަށް ބޮޑު އަގެއްގައި. ވަރަށް ރަނގަޅު ޑީލެއްގަ" ކަމަށެވެ.

ނަމަވެސް ރަށް ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން އެތަން ހަދަން އުޅުނު ކޮންސެޕްޓަށް، ސިންގަޕޫރު ކުންފުނިން ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ،" ށ. ގާކޮށިބީގައި ސިންގަޕޫރު ކުންފުނިންވެސް ރިސޯޓް ތަރައްގީ ކުރާނީ އިސްލާމިކް ރިސޯޓް ކޮންސެޕްޓަށްތޯ ސުވާލުކުރުމުން ނާޝިދު ވިދާޅުވިއެވެ.

ގާކޮށިބީ އަކީ ސަރުކާރުން 2006 ވަނަ އަހަރު ބީލަން އުސޫލުން ހުޅުވައިލި ރަށްތަކުގެ ތެރެއިން ގުރުއަތުން، ށ. ފޯކައިދޫ، ހުވަނދުމާގޭ ހުސެއިން ވަހީދަށް ލިބުނު ރަށެކެވެ. އަދި އެރަށް އޭޑީކޭ އިން ތަރައްގީ ކުރަންފަށައި، ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އެރަށް ވަނީ 2012 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކަށް ވިއްކާލާފައެވެ. ނަމަވެސް އެ އެއްބަސްވުން ވަނީ ފަހުން އުވާލާފައެވެ.

އޭޑީކޭ ނާޝިދު ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 18 ހެކްޓަރުގެ އެ ރަށުގެ 65 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ ރަށް ތަރައްގީ ކުރުމަށް އޭޑީކޭއިން 50 މިލިއަނަށްވުރެއް ގިނަ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.