06 Jan 2016, 18:35
މާލޭގައި ފިހާރައެއް ހިންގަމުންދިޔަ ބިދޭސީއަކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވީ އެ ފިހާރަ ފެނިފައި ވަނީ މާލޭގައި މިއަދު ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
ޚަލީލު ވިދާޅުވީ އެ ފިހާރައަކީ ރަޖިސްޓްރީވެސް ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ ބިދޭސީ މީހާއާ ސުވާލުކުރުމުން އެއީ ދިވެއްސެއްގެ ތަނެއް ކަމަށް ބުނެފައިވާ ކަމަށާއި އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފިހާރަ ހިންގަމުންދިޔަ ބިދޭސީ މީހާ އަކީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެންނަމުންދިޔަ މީހެއްކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީން ފިހާރަތައް ހިންގުމަކީ މަނާކަމެކެވެ.
މިއަދު މާލޭގެ ފިހާރަ، ކެފޭ، އަދި ރެސްޓޯރެންޓުތައް ޗެކްކުރުމަށް ހިންގި އޮޕަރޭޝަންގައި 58 ތަނެއް ޗެކްކޮށްފައިވާއިރު، ގަވާއިދާ ޚިލާފުވެގެން 14 ތަނެއް ޖޫރިމަނާކޮފައިވާ ކަމަށް ޚަލީލު ވިދާޅުވިއެވެ. އޭގެތެރެއިން ހަތަރު ތަނެއް ޖޫރިމަނާކޮށްފައި ވަނީ ބިދޭސީ ސޭޓުން ބޭތިއްބުމުން ކަމަށާއި ބާކީ 10 ތަން ޖޫރިމަނާކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބޭތިއްބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޗެކްކުރަމުން މިގެންދާ ބައެއްތަންތަނުގެ ވެރިން އެބަ ބުނޭ ތިމަންނަ ފާޚާނާއަށް ދާންވެގެން ބިދޭސީ މީހަކު ވަގުތުކޮޅަކަށް ސޭޓެއްގެ ގޮތުގައި ބެހެއްޓީއޭ. އިމިގްރޭޝަނުން ދަންނަވާލަން ބޭނުންވާ ވާހަކައަކީ މިއީ އިމިގްރޭޝަނުން މަގުބޫލު އުޒުރެއްގެ ގޮތުގައި ބަލައިގަންނާނެ ކަންތައްތަކެއް ނޫނޭ،" ޚަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަންގައި ހަތަރު ކެފޭއަކާއި ފަސް ފިހާރައަކާއި އެއް ގަރާޖު ޗެކްކުރި ކަމަށާއި އެ ހުރިހާ ތަނެއް ވެސް ހިންގަމުން ގޮސްފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
"ހދ. ކުޅުދުއްފުށިން މިއަދު އަޅުގަނޑުމެން ޗެކްކުރި ހުރިހާ ތަނެއް ވެސް ހިންގަމުން ގޮސްފައި ވަނީ ގަވާއިދާ އެއްގޮތަކަށްކަން ފާހަގަކޮށްލަން،" ޚަލީލު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މަރަދޫފޭދޫގެ ފަސް ތަނެއް ޗެކްކޮށްފައިވާއިރު، އޭގެތެރެއިން ތިން ތަނެއް ވަނީ ޖޫރިމަނާކޮށްފައެވެ.
އެ ތިން ތަން ޖޫރިމަނާކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާދީފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.