06 Jan 2016, 18:09
ކަންނެއްޔަށް ނުކުމެ އުޅުނު ދ. ކުޑަހުވަދޫ މަސް ދޯންޏަކުން އެއް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
ސަން އަށް މައުލޫމާތު ދެމުން މާވަހަރު ހޮވި "އުއްމީދު 3"ގެ ކައްޕިތާނު އަބްދުލް ހަމީދު ބުނީ، ބަރުދަނުގައި 1020 ގްރާމް ހުރި އެ މާވަހަރު ހޮވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ގޮއިދޫ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 37 މޭލު ބޭރުން ކަމަށެވެ.
އޭނާ ބުނިގޮތުގައި، މާވަހަރު ގަނެ އޭގެ ވިޔަފާރި ކުރާ މީހަކަށް އެ މާވަހަރު ދައްކާފައިވާ ކަމަށާއި އެއީ މާވަހަރުގެ އެންމެ އަގު ބޮޑު ވައްތަރު ކަމަށްވާ ހުދަންބަރެއް ކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
"އެއީ ހުދަންބަރެއް ކަން ޔަގީން ކޮށްދިން މީހާއަށް އަހަރެމެން ފޮނުވީ ފޮޓޯއެއް. އޭނާ ބުނީ އެޔަށް އަގެއް ކިޔާނީ ހަަމަލޮލަށް އޭތި ފެނުމުން ކަމަށް،" ކެޕްޓަން އަބްދުލް ހަމީދު ބުންޏެވެ.
އޭނާ ބުނީ، މާވަހަރު ގަންނަން ބޭނުންވާ ފަރާތްތަކުން މާވަހަރެއްތޯ ޓެސްޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެ މާވަހަރު ވިއްކުމަށް އަދި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެ މާވަހަރު ގަންނަން އިތުރު އެހެން ބަޔަކު އަދި ހުށަހަޅާފައި ވެސް ނުވާ ކަމަށް ހަމީދު ބުންޏެވެ.