06 Jan 2016, 17:18
މި މަހުގެ ތިން ވަނަ ދުވަހު އީރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ ސަފީރުގެ އޮފީހަށް ބަޔަކު ވަދެ އެތަނަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާ އިން ކުއްވެރިކޮށްފި އެވެ.
އީރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ހަމަލާ ދީފައި ވަނީ، ޝިއައީ އިލްމުވެރިއެއް ކަމުގައިވާ ޝައިޚް ނިމްރު އަލް ނިމްރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، ސައުދީގައި އޭނާގެ މައްޗަށް މަރުގެ އަދަބު ދިނުމުންނެވެ.
ސައުދީ އެމްބަސީއަށް ދިން ހަމަލާ އާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުން ވަނީ މި ހަމަލާގެ ފަހަތުގައިވާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އީރާން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ޑިޕްލޮމެޓިކް އުސޫލުތަކަށް ބަލާއިރު، އެއް ގައުމެއްގައި ހުންނަ އަނެއް ގައުމެއްގެ އެމްބަސީ ފަދަ އޮފީސްތައް އެފަދަ ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދި ހިޔާލު ތަފާތުވުން ނައްތާލުމަށް ދެ ފަރާތުުން ވާހަކަ ދައްކައި ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓަން ޖެހޭކަމަށް ގަބޫލު ކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ސައުދީ އަރަބިއާ އިން ޝިއައީ ޝައިޚް ނިމްރު އަލް ނިމްރު މަރާލުމާ ގުޅިގެން އީރާންގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގެ ގޭޓު ކައިރިއަށް އެއްވި މީހުން ވަނީ އެމްބަސީ ތެރެއަށް ވަދެ އެމްބަސީގެ އެތެރޭގައި އަލިފާންރޯކޮށްފަ އެވެ.
މި ހަމަލާ އާ ގުޅިގެން ސައުދީން ވަނީ އީރާނާ އެކު ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ނިންމާފަ އެވެ. އޭގެ އިތުރުން ހަމަލާ ކުށްވެރިކުރުމުގެ ގޮތުން، އަރަބި ތިން ގައުމު ކަމުގައިވާ އެކުވެރި އަރަބި އިމަރާތާއި، ބަހްރައިން އަދި ސޫދާނުން ވަނީ އީރާނާ އެކު ބާއްވަމުން އައި ޚާރިޖީ ގުޅުން ހަނިކުރަން ނިންމާފަ އެވެ.