މި އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން 300 ގައިދީން މުޖުތަމަޢަށް ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލު މޫސާ ރަމީޒު ވިދާޅުވީ، ޕެރޯލްގެ ދަށުން ގައިދީން މުޖުތަމަޢަށް ދޫކުރުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ މަސައްކަތް ނިމުމުން ޕެރޯލް ބޯޑުން ގައިދީންނާ ކުރައްވަންޖެހޭ އިންޓަވިއުތައް ފަށްޓަވާނެކަމަށާއި އެކަމަށް ގާތްގަނޑަކަށް ހަ މަސް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގައިދީންނާ އިންޓަވިއު ކުރާނީ ޕެރޯލް ބޯޑުންނެވެ.

"ގައިދީންނާ އިންޓަވިއު ކުރުމަކީ ދިގު މުއްދަތެއް ނަގާ ބޮޑު ކަމެއް. އިންޓަވިއު ކުރަމުން ގެންދަވާ ވަރަކަށް އަޅުގަޑުމެން ދާނީ ގައިދީން ދޫކުރަމުން. އިންޓަވިއު ކުރާ ކޮންމެ ގައިދީއަކު ޕެރޯލްގެ ދަށުން ދޫކޮށެއް ނުލާނެ،" ރަމީޒު ވިދާޅުވި އެވެ.

ޕެރޯލަކީ ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތު ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭ ގޮތަށް މުޖުތަމައަށް އަހުލުވެރިކުރުމަށްޓަކައި، ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ޝަރުތުތަކަކާއެކު މުޖުތަމައަށް ދޫކުރުމުގެ ފުރުސަތު ދިނުމެވެ.

ޕެރޯލްގެ ފުރުސަތު ނުލިބޭނެ ގައިދީން

  • ގަސްދުގައި މީހަކު މެރުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން
  • އެހެން ގާނޫނަކުން އަދަބު ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެ ހުކުމް ތަންޒީރުކުރަމުންދާ ގައިދީން

ނަމަވެސް، ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހަކު، ޕެރޯލްގެ މުއްދަތުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފުވެ އިތުރު ކުށެއް ކޮށްފިނަމަ އޭނާއަށް ކޮށްފައިވާ ހުކުމުގެ ބާކީބައި ތަންފީޒުކުރަންޖެހޭނެ އެވެ.

އެގޮތުން މިދިޔަ އަހަރު ޕެރޯލްގެ ދަށުން ހުކުމް ތަންޒީފު ކުރަމުންދިޔަ 129 މީހަކާ އިންޓަވިއުކޮށްފައިވާއިރު، އޭގެ ތެރެއިން 77 މީހަކު ވަނީ ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކޮށްފައެވެ.