ތުރުކީގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި 13 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުގައި ތުރުކީ ސިފައިން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު ފުރަތަމަ އޮޕަރޭޝަނުގައި އެތަކެތި ހޯދީ ބޮލީވިއާގައި ރަޖިސްޓްރީކޮށްފައިވާ އާގުބޯޓަކުން ކަމަށް ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުންޏެވެ. ތުރުކީ ސިފައިން އެބޯޓް ހިފެހެއްޓީ ލީބިއާގެ ތަބްރޫކް ބަނދަރުގެ ކައިރިން ދަތުރުކުރަނިކޮށެވެ.

ތުރުކީ ސިފައިން އެއޮޕަރޭޝަން ހިންގީ ބޮލީވިއާގެ އެބޯޓް ޑްރަގް ޓްރެފިކް ކުރުމުގެ ހަރަކާތެއްގައި އުޅޭ ކަމަށް ތުރުކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަދި އެ އޮޕަރޭޝަން ހިންގީ ބޮލީވިއާ ސަރުކާރުގެ ހުއްދައާއި އެކު ތުރުކީގެ އިންޓީރިއާ މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.

ތުރުކީ ސިފައިން ހުއްޓުވި ބޯޓްގައި ހުރީ ޕައުޑަރު ފޯމްގައި ހުރި 13 ޓަނުގެ މަރުޔުއާނާ އެވެ. އެކަމާ ގުޅޭ ތަހުގީގު މިހާރު ހިނގަމުން އަންނަ ކަމަށާއި އެބޯޓާ ބެހޭ ގާނޫނީ ކަންތައްތައް ނިންމުމަށް ތުރުކީގެ ކަނޑުގެ ސަރަހައްދަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ނޫހުން ބުންޏެވެ.