ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި އަސްއަދު އަބްދުލްޣަނީ މިއަދު އެ މަގާމުން އިސްތުއުފާ ދީފިއެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އެ މަގާމުން އިސްތިއުފާ ދީފައިވާކަން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަސްއަދު ބުނީ އޭނާ އިސްތުއުފާ ދިނީ ނަމެއްގައި އެ މަގާމުގައި ހުންނަށް ބޭނުން ނުވާތީ ކަމަށާއި ގައުމީ ޓީމުގެ ކޯޗް ރިކީ ހާބްޓްއަކީ ވޯލްޑް ކަޕްގެ ތަޖްރިބާ ހުރި ކޯޗަކަށްވިޔަސް އޭނާގެ ފަރާތުން ގައުމީ ޓީމަށް އެކަން ފެނިގެން ނުދާ ކަމަށެވެ.

"އޭނާގެ ފަރާތުން އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ކުރާ ތަނެއް ނުފެނޭ. އަހަރެންނަކީ ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެއް މީހެއް ނަަމަވެސް ދެން ހުރި ތަޖްރިބާހުރި ކޯޗާއި [އިސްމާއިލް މަހްފޫޒް] ވެސް އެއްވެސް މަޝްވަރާއެއް ނުކުރޭ،" އަސްއަދު ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ލިބުނު ނާކާމިޔާބީ އަށް ފަހު އަސްއަދު ވަނީ ގައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް އަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ. ނަމަވެސް އަސްއަދު ބުނީ މީގެ ކުރިން ވެސް އޭނާ ވާނީ ގައުމީ ޓީމާއެކީ ބޭރުގެ ކޯޗުންނާއި އެކީ މަސައްކަތް ކޮށްފައި ކަމަށާއި މީގެ ކުރިން އެއްވެސް ވަރަކަށް ކޯޗަކަށް ފާާޑު ކިޔާފައި ނުވާނެ ކަމަށެވެ.

ދެހާސް އަށްވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ރަން މެޑަލް ހޯދިއިރު ގައުމީ ޓީމުގެ ކެޕްޓަނު ކަމުގައި ހުރި އަސްއަދު ކުޅުން ހުއްޓާލީ 2013ވަނަ އަހަރު އެވެ. އޭނާ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗު ކަމުގެ މަގާމާއި ހަވާލުވީ މިދިޔަ އަހަރުގެ ކުރީ ކޮޅު އެވެ.