06 Jan 2016, 16:05
އދ. މަޖިލިސް (ޖަނަވަރީ 6) : އުތުރު ކޮރެޔާއިން ހައިޑްރިޖަން ބޮމެއް ތަޖްރިބާ ކުރުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެކަން ކުށްވެރި ކުރަމުން އެބަގެންދެ އެވެ.
މިކަން ކުށްވެރި ކުރިގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ރަޝިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަޕާނުގެ އިތުރުން ޖަރުމަނު ހިމެނެ އެވެ. މިއީ ޖެއްސުމުގެ އަމަލެއް ކަމުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާން ލިންޑް ބްރައިސް ވިދާޅުވީ އުތުރުކޮރެޔާއިން ބައިނަލްއަގްވާމީ މުޖްތަމައުގެ ކަންބޮޑުވުންތަކަށާ އަދި އދ.ގެ ނިޒާމަށާއި ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިހްތިރާމް ނުކުރާކަމުގައެވެ. އަދި އުތުރުކޮރެޔާ އިން ތަޖްރިބާކުރި ހައިޑްރިޖަން ބޮމުގެ ސައިޒާއި އޭގެ ބާރުމިން ބަލާނެކަމަށް ވެސް ބްރައިސް ވިދާޅުވި އެވެ. އަދި އުތުރުކޮރެޔާގެ ގޮންޖެހުންތަކަށް ރައްދުދޭނެ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ރަޝިޔާ އިން ބުނެފައި ވަނީ އުތުރުކޮރެޔާގެ އަމަލާމެދު ހިތާމަކުރާ ކަމުގައެވެ. އަދި އެގައުމުން ހައިޑްރިޖަން ބޮންފަދަ ނުރައްކާތެރި ބޮމެއް ތަޖްރިބާކުރުމަކީ އދ.ގެ ގަރާރުތަކާ ޚިލާފް ކަމެއްކަމަށްވެސް ރަޝިޔާއިން އދ.ގެ ޖެނީވާގެ މަރުކަޒަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ވިދާޅުވި އެވެ. އިނގިރޭސިވިލާތުން ވަނީ ހަރުކަށި އަމަލުތައް ދޫކޮށް ބައިނަލްއަގްވާމީ މުޖްތަމައުގެ ބަސްއެހުމަށް އުތުރުކޮރެޔާއަށް އިލްތިމާސްކޮށްފައެވެ. ފަރަންސޭސިވިލާތުން ބުނެފައިވަނީ އުތުރުކޮރެޔާގެ އަމަލު ގަބޫލު ނުކުރެވޭނެ ކަމަށާ ބައިނަލްއަގްވާމީ އަމްނާއި ސުލްހައަށް ނުރައްކާ ކުރުމުގެ ފުރްސަތު އެގައުމަށް ނުދޭނެ ކަމުގަ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވީ އުތުރުކޮރެޔާއިން ދުނިޔެއަށް ގޮންޖަހަމުން ގެންދާކަމުގައެވެ. އަދި އުތުރުކޮރެޔާއިން ތަޖްރިބާކުރި ނުރައްކާތެރި ބޮމަކީ ޖަޕާނުގެ ގައުމީ ސަލާމަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއްކަމަށްވެސް އަބޭ ވިދާޅުވި އެވެ. އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގިއުން ހައި ވިދާޅުވީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައި އެގައުމު އިތުރަށް އެކަހެރިކޮށް ބާކި ކުރަންޖެހޭކަމުގައެވެ. އަދި ހައި ވަނީ މިމައްސަލައާބެހޭ ގޮތުން މަޝްވަރާކޮށް އުތުރުކޮރެޔާއާ މެދު އަޅާނެ ފިޔަވަޅުތަކެއް އެކަށައެޅުމަށް ޓަކައި ދެކުނު ކޮރެޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފަ އެވެ.
އަނެއްކޮޅުން އދ.ގެ ސަލާމަތީ މަޖިލީހުންވަނީ އުތުރު ކޮރެޔާއިން ހައިޑްރިޖަން ބޮން ތަޖްރިބާކުރި މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައި އެކަން މެންބަރު ގައުމުތަކަށް އަންގާފަ އެވެ. މި ބައްދަލުވުން މިރޭ އޮންނާނެކަމަށް ވެސް ސަލާމަތީ މަޖިލީހުގެ ސެކްރެޓޭރިއަޓުން ބުނެ އެވެ. އުތުރުކޮރެޔާ އިން މިއަދު ތަޖްރިބާކުރި ހައިޑްރިޖަން ބޮމަކީ އެއްހާސް ނިއުކްލިޔާ ބޮމާއެއްވަރުގެ ބާރުގަދަ ބޮމެއްކަމަށްވަނީ ބެލެވިފައެވެ.
އުތުރު ކޮރެޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ސެންޓްރަލް ނޫސްއެޖެންސީން ބުނީ ހައިޑްރަންބޮން އެގައުމުން ތަޖްރިބާކުރީ ރޭ ފަތިހުގެ ވަގުތެއްގައި ބިމުއަޑީގެ އެތައް ކިލޯ މީޓަރެއްގެ ފުނުގައި ކަމުގައެވެ. މިބާރުގަދަ ބޮން ތަޖްރިބާ ކުރުމުގެ ސަބަބުން ރެކްޓާ މިންގަނޑުން 5.1ގެ ބާރުމިނުގެ ބިންހެލުމެއް ބޮން ތަޖްރިބާ ކުރި ވަގުތު އެ ސަރަހައްދުން ފާހަގަ ކުރެވުނު ކަމަށް ވެސް އުތުރު ކޮރެޔާއިން ބުނެފައިވެއެވެ.
އާންމު ގޮތެއްގައި ހައިޑްރިޖަން ބޮމަކީ އެއްހާސް ނިއުކްލިޔާ ބޮމަށްވުރެ ވެސް ބާރުގަދަ ގޮވުމެއް ގޮވުމުގެ ގާބިލްކަން ލިބިފައިވާ ބޮމެކެވެ.
ހައިޑްރިޖަން ބޮމުގެ ބާރުގަދަވިޔަސް އެއިން ނިއުކްލިޔަރ ބޮމުން ނުކުންނަފަދަ ރޭޑިއޭޝަންތަކެއް ނުނުކުންނާނެއެވެ. އަދި ދިގު މުއްދަތަކަށް އޭގެ ގެއްލުންތަކެއްވެސް ނުލިބޭނެއެވެ. ހައިޑްރިޖަން ބޮމުން ލިބޭނީ އެބޮން ގޮއްވާލާ ވަގުތު ލިބޭ ގެއްލުމެވެ. ނަމަވެސް މިގެއްލުންތައް އެއްހާސް ނިއުކްލިޔާ ބޮން ގޮއްވާލުމުން ލިބޭ ގެއްލުންތަކާ ދާދިއެއްވަރުވާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.
އުތުރކޮރެޔާއިން ހައިޑްރިޖަން ބޮމުގެ ތަޖްރިބާކުރީ އެގައުމުގެ ލީޑަރު ކިމްޖޮންގް އުން ހާޒިރުގައި އޭނާގެ ބެއްލެވުމުގެ ދަށުންކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)