ދަވްޙާ : ލީބިޔާގެ މައްސަލައާބެހޭ ބައިނަލްއަޤްވާމީ ކޮންޓެކްޓް ގްރޫޕުން ބޭއްވި ދެވަނަ ބައްދަލުވުން ޤަތަރުގެ ވެރިރަށް ދަވްޙާގައި އިއްޔެ ނިމިއްޖެވެ.

ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއެކު ޖުމްލަ 20 ފަރާތަކުން ބައިވެރިވި މިބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ޤާނޫނީ ޙައިސިއްޔަތު ގެއްލި ފައިވާ ކަމަށް ބުނެފައިވެއެވެ.

http://www.youtube.com/watch?v=2M6OitizP3Y

އަދި ގައްޒާފީއާއި އޭނާގެ ޢައިލީ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށް ފައިސާ ލިބޭނެ މެކޭނިޒަމެއް އުފެއްދުމަށް ވެސް މި ބައްދަލުވުމުގެ ބައިވެރިން އެއްބަސްވި އެވެ.
މިބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބައެއް ޤައުމުތަކާއި އެމެރިކާގެ އިތުރުން ޢަރަބި ބައެއް ޤައުމުތައް ކަމަށްވާ އުރުދުން، ޤަތަރު، ޔޫ.އޭ.އީ ވެސް ހިމެނެއެވެ. ޤަތަރުގެ ވަލީއުލްޢަހްދު އައްޝައިޚް ތަމީމް ބިން ޙަމަދް އާލް ޘާނީ އިފްތިތާޙް ކޮށްދެއްވި މިބައްދަލުވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންވަނީ ލީބިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުގެ ޒިންމާ އުފުއްލަވަންޖެހޭނީ ގައްޒާފީއާއި އޭނާގެ ސަރުކާރު ކަމަށް ވިދާޅުވެފައެވެ. އަދި ލީބިޔާގެ ރައްތަކުގެ ތެރޭން މިސްރާތާގެ ރައްޔިތުންގެ އިންސާނީ ޙާލަތުވަނީ ވަރަށް ދަށުދަރަޖައަކަށް ވެއްޓިފައިކަން ލީބިޔާގެ އދިކޮޅު އިންތިޤާލީ މަޖިލީހުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޢަލީ ޢަލްޢީސާވީ ފާހަގަ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ރަސްމީ ސިފައެއްގައި ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް، ގައްޒާފީގެ ސަރުކާރު ދޫކުރައްވައި އިނގިރޭސިވިލާތަށް ފިއްލެވި ލީބިޔާގެ ޚާރިޖީ ވަޒީރު މޫސާ ކޫސާ މިބައްދަލުވުމުގެ އަރިމަތީގައި، ބައެއް ޤައުމުތަކުގެ މަންދޫބުންނާ ބައްދަލު ކުރެއްވިއެވެ.

ލީބިޔާގެ މައްސަލައާބެހޭ ބައިނަލްއަޤްވާމީ ކޮންޓެކްޓް ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ލަންޑަންގައެވެ. -- ނޫސްއެޖެންސީތައް