ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި ހުޅުމާލޭގައި ބެހެއްޓުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީގެ އިސް އޮފިޝަލު "ސަން" އަށް މިއަދު ވިދާޅުވީ ނަމޫނާ ކަޅުއޮށްފުންމި ހުޅުމާލޭގައި ހަދާ ހެރިޓޭޖް އައިލެންޑަށް ބަދަލުކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ނިންމާފައި އޮތީ ސަލްޓަން ޕާކުގައި ކަޅުއޮށްފުންމި ބަހައްޓަން ކަމަށްވީ ނަމަވެސް މިހާރު އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.

"އަސްލު އެތަނުގައި [ސަލްޓަން ޕާކުގައި] ބާއްވަން ކުރިން ނިންމީ. އެކަމަކު އެކަން އެގޮތަށް ހަމަނުޖެހުނީ ހައުސިން މިނިސްޓްރީން އެތަނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަލްޓަން ޕާކުގައި އޮޑި ބާއްވާނެ ޖާގަ ނެތީމަ،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ސަލްޓަން ޕާކުގައި ކަޅުއޮށްފުންމި ބަހައްޓާނެ ޖާގަ ނެތުމުން ދެން ވިސްނީ ދާރުލް އާސާރުގައި އޮޑި ބަހައްޓަން ކަމަށާއި ނަމަވެސް އެތަނުގައި ވެސް އޮޑި ބަހައްްޓާނެ ޖާގަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޅުއޮށްފުންމި މާލެ ގެނެސްފައި މިވަނީ ގައުމީ ދުވަހުގެ ހަރަކާތުގައި ހއ. އުތީމުގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ފަހު މިދިޔަ މަހުގެ 18ވަނަ ދުވަހު އެވެ.

މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އިން ބަނދެފައިވާ ކަޅުއޮށްފުންމި ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން، އިއްޒުއްދީން ފާލަމުގައި ދެ ދުވަސް ވަންދެން ކަޅުއޮށްފުއްމި ވަނީ ބާއްވައިފަ އެވެ.

ކަޅުއޮށްފުންމި ބަނީ 51 ފޫޓް ދިގުމިނުގަ އެވެ.

އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާ ހަރަދުވި އެވެ.