ނިއުޔޯކް (ޖެނުއަރީ 6): ޖިންސީ އަނިޔާކުރުމުގެ ދައުވާ ކޮށްފައިވާ ބިލް ކޮސްބީގެ ދިފާއުގައި އޭނާގެ އަންހުނުން ކަމިލް ކޮސްބީ ކޯޓު އަޑުއެހުންތަކުގެ ކުރިން ހެއްކާއި ބަޔާން ދިނުން ލަސްކޮށްފި އެވެ.

ބިލް ކޮސްބީގެ މައްޗަށް ދައުވާ ކޮށްފައިވާ ހަތް އަންހެނުންގެ ވަކީލުން ކުރައްވާ ސުވާލުތަކަށް ކަމިލް ޖަވާބުދެއްވާ، ބަޔާނެއް ހުށަހަޅަން ކޯޓުން އަމުރު ކުރީ މިދިޔަ މަހު އެވެ. ނަމަވެސް، އެމެރިކާގެ މެސެޗޫސެޓްސްގެ ކޯޓަކުން އިއްޔެ ވަނީ ހެކި ހުށަހަޅަން ޖެހޭ ދުވަސް ލަސްކޮށްފަ އެވެ.

ކަމިލްގެ ވަކީލުން ދަނީ ކޯޓު އަޑުއެހުންތަކުގެ ކުރިން ކަމިލް ހެކި ދޭން ނުޖެހޭނެ ގޮތް ވޭތޯ މަސައްކަތް ކުރަމުންނެވެ. ކަމިލްގެ ވަކީލުން ތުހުމަތު ކުރާ ގޮތުގައި ދައުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ މަގްސަދަކީ، އެ ފަރާތްތަކުގެ ވަކީލުންނަށް ކަމިލް ދޭ ހެކި ނޫސްތަކަށް ލީކް ކުރުމެވެ. އަދި ކައިވެނިކޮށްފައިވާ ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކަކީ އެފަދައިން އާއްމު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބުނެ ކަމިލްގެ ވަކީލުން ވަނީ އޭނާއާ ސުވާލު ކުރުން ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.

ބިލް ކޮސްބީގެ މައްޗަށް ކޮށްފައިވާ މަދަނީ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ. އަދި 25،000 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ. އޭނާ މިހާރު ވަނީ ކަފާލާތުގެ ދަށުން މިމަސް ނިމެންދެން ދޫކޮށްލައިފަ އެވެ.

އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ބިލް ކޮސްބީއާ ކަމިލް ކައިވެނި ކުރިތާ މިހާރު 52 އަހަރުވެއްޖެ އެވެ. ބިލް ކޮސްބީގެ ވިޔަފާރި މެނޭޖަރަކީ ވެސް ކަމިލް ކޮސްބީ އެވެ.