06 Jan 2016, 14:54
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިއުލާނުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ތެރެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އިއުލާނުގައި ބުނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ނުވަތަ އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.
އިއުލާނުގައި ބުނީ އެލަވަންސްތަކާ އެކު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 46،650 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ޖޭއެސްސީގެ އިއުލާނުގައި ބުނީ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތީން މެޑިކަލް އިންޝުއަރެންސް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ފޯނު އެލަވަންސް ވެސް ލިބިގެންދަނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.