06 Jan 2016, 15:29
އެމެރިކާގައި ނަސާރާ ދީނުގެ އިލްމު އުނގަންނައިދޭ ކޮލެޖެއް ކަމުގައިވާ ވީޓަން ކޮލެޖުގެ އަންހެން ޕްރޮފެސަރެއް ބުރުގާ އެޅުމުގެ ސަބަބުން، އޭނާ އެ ކޮލެޖުގައި އަދާކުރާ ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕްރޮފެސަރު ލެރީޝާ ހޯކިންސް ބުރުގާ އަޅައިގެން ހުރުމުން އެކަން މައްސަލައަކަށްވެ، 2015 ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އޭނާ ވަޒީފާއަށް ނުނިކުމެ، ގޭގައި މަޑުކޮށްލުމަށް ކޮލެޖުން ވަނީ އަންގައިފަ އެވެ.
ނަސާރާ ދީނަށް ތަބާވާ ލެރީޝާއަށް މިކަން ދިމާވީ، އޭނާ ބުރުގާ އަޅައިގެން ހުރި ފޮޓޯއެއް ފޭސްބުކްގައި އޭނާ ޝާއިޢު ކުރުމުންނެވެ. އޭނާ އެ ފޮޓޯއާ އެކު ލިޔެފައި ވަނީ، އޭނާ މުސްލިމުންނަށް ނަސްރު ދޭ ކަމަށާއި، މުސްލިމުންނާއި ނަސާރާއިންނަކީ ފޮތުގެ އަހުލުވެރިން ކަމަށެވެ.
ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއްގެ މަޤާމު އަދާކުރާ ލެރީޝާ ގޭގައި މަޑުކުރުމަށް އެންގީ، އޭނާ ދާދި ފަހުން ކޮލެޖުގައި ދައްކާފައި ހުރި ބައެއް ވާހަކަތަކާއި އެކި ފަރާތްތަކަށް އޭނާގެ ފަރާތުން ފެނިފައިވާ މަންޒަރުތަކާ މެދު ގޮތެއް ނިންމެން ދެން ކަމަށް އެ ކޮލެޖުން ބުނެ އެވެ. އެ ކޮލެޖު ބިނާވެފައިވާ މައިގަނޑު އަސާސު ކަމުގައިވާ ނަސާރާ ދީނަށް، އެ ކޮލެޖުގެ މުވައްޒަފުންނާއި ފެކަލްޓީތަކުން އިހްތިރާމް ކުރަންޖެހޭ ކަމަށެވެ.
އެމެރިކާގެ ވީޓަން ކޮލެޖުން ބުނެފައި ވަނީ، ލެރީޝާ އޭނާގެ ވަޒީފާ އިން ވަކި ކުރުމަށް މުޅިން ނިންމާފައި ނުވާ ކަމަށާއި ނަމަވެސް ލެރީޝާއަށް ވީޓަން ކޮލެޖުގައި އޮތް މުސްތަގުބަލާ މެދު އެ ކޮލެޖުގެ ބޯޑުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.