06 Jan 2016, 14:18
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަކިލޭޝް މިޝްރާ މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
މިޝްރާ ރާއްޖެއަށް ވަޑައިގެންފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އޭނާ ރާއްޖެއަށް ވަޑައިގެންނެވުމުން އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފަސްޓް ސެކްރެޓަރީ އަމަރުނާތު އަޝޯކަން އެވެ.
ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ލިބިވަޑައިގެންނެވުމުގެ ކުރިން މިޝްރާ ހުންނެވީ ކެނެޑާގެ ޓޮރޮންޓޯގައި ހުންނަވާ އިންޑިއާގެ ކޮންސަލް ޖެނެރަލް ކަމުގެ މަގާމުގައެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަކިލޭޝް މިޝްރާއަށް ފަސްޓް ސެކްރެޓަރީ އަމަރުނާތު އަޝޯކަން މަރުހަބާ ވިދާޅުވަނީ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ވެބްސައިޓްގައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަކިލޭޝް މިޝްރާ އަކީ ޓްރިނިޑާޑް އެންޑް ޓޮބޭގޯއާއި ޑޮމިނިކާއާއި ބޮސްނިއާއާއި ހަންގޭރީގައި ހުންނަވާ އިންޑިއާގެ ސަފީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އިންޑިއާގެ ފޮރިން ސާވިސްއާ ގުޅިވަޑައިގެންފައި ވަނީ 1989 ވަނަ އަހަރު އެވެ.
ރާއްޖޭގައި މިހާރު ހުންނެވި އިންޑިއާގެ ސަފީރު ރާޖީވް ޝަހާރޭ ޑެންމާކްގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް ބަދަލުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުކަމުގެ މަގާމަށް ޝަހާރޭ އައްޔަން ކުރީ 2013 ވަނަ އަހަރު އޭޕްރީލްމަހު އެވެ. އެއީ އޭރު ހުންނެވި ސަފީރު ޑީއެމް މުލޭ އެމެރިކާގެ ނިއުޔޯކްގައި ހުންނަވާ އިންޑިއާގެ ކޮންސަލް ޖެނެރަލްގެ މަގާމަށް ބަދަލުކުރުމަށް ފަހުގައެވެ.