06 Jan 2016, 15:20
ބަޑީގެ ހަމަލާތަކުގައި މަރުވެފައިވާ ކުޑަ ކުދިންގެ ހަނދާނުގައި ކަރުނަ އެޅުއްވުމަށް ފަހު، އެމެރިކާގައި ބަޑި ގެންގުޅުމާ މެދު އަމަލުކުރާ އުސޫލު ހަރުކަށި ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާގެ މެމްބަރުންނާ އެކު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އޮބާމާ ދެއްކެވި އަސަރުގަދަ ވާހަކަފުޅުގައި ވިދާޅުވީ، ބަޑިއާއި ހަތިޔާރު ގެންގުޅުމުގެ ގާނޫނީ ހައްގު ރައްޔިތުންނަށް އޮންނަ އިރު، އަޅުކަން ކުރުމަށާއި ދިރިއުޅުމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގުވެސް ހަމަހަމަކަމާ އެކު ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ.
ރައީސް އޮބާމާ ވިދާޅުވީ، އޭނާ އެންމެ އަސަރު ކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަނެކްޓިކަޓްގެ ސޭންޑީ ހުކް އެލެމެންޓަރީ ސްކޫލަށް މީހަކު ވަދެ، އެތަނުގައި ބަޑި ޖަހައި 20 ކުޑަ ކުއްޖަކު މަރައިލި ހާދިސާ ކަމަށެވެ. އެ ހާދިސާ ހިންގާފައި ވަނީ، އެޑަމް ލަންޒާ ނަމަކަށް ކިޔާ، 20 އަހަރުގެ އޯޓިސްޓިކް ހުންނަ ޒުވާނެކެވެ. އޭނާ ވަނީ ސޭންޑީ ހުކް ސްކޫލުގައި ބަޑި ޖެހުމަށް ފަހު، އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެފަ އެވެ.
"އެކުދިންގެ މަރު މަތިން ހަނދާން ވުމުން އަހަރެން ވަރަށް ރުޅި އާދޭ. ވަރަށް ދެރަވޭ،" އޮބާމާ ކީރިތި ކުރައްވަމުން ވިދާޅުވި އެވެ.
އޮބާމާ ވިދާޅުވީ، ބަޑި ބޭނުންކޮށްގެން ހިންގާ ހަމަނުޖެހުންތައް، އޭނާގެ ދައުރުގައި ބާކީ އޮތް އެއް އަހަރު ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، ނަމަވެސް އެކަމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބަޑި ބޭނުންކުރުމާއި ބަޑި ގެންގުޅުމަށް ބާރު އަޅާ ކެންޑިޑޭޓަކަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ނުކުރުމަށް އޮބާމާ ވަނީ އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.