ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގެ ތެރެއިން ގުރުއަތަކާ ނުލައި ލިބޭ ފަރާތްތަކަށް ދިނުމަށް ފަހު ބާކީ ހުރި 22 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އެރަށު ކައުންސިލުން އުސޫލާ ހިލާފުވެފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ބުނީ އެ 22 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އަލުން ގުރުއަތުލުން ބޭއްވުމަށް ކުޅުދުއްފުށީ ރަށުކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ރޯހައުސްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ ގޮތް އެ ކޮމިޝަނުން ބެލީ އެކަމާ ބެހޭ ގޮތުން ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

ރޯހައުސްއަށް އެދި ހުށަހަޅާ ފޯމްގައި ބަޔާންކޮށްފައިވާ ގޮތުގައި ގުރުއަތު ލާން ޖެހޭނީ 30 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ކަމަށާއި އެގޮތުން 25 ޕޮއިންޓް ލިބުނު 71 ފަރާތް ތިބި ކަމަށާއި ފޯމްގައި ބަޔާންކޮށްފައިވާ އުސޫލުން ގުރުއަތުލާން ޖެހޭނީ އެފަރާތްތަކުގެ މެދުގައި ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް ކުޅު ދުއްފުށީ ކައުންސިލުން ވަނީ އެއުސޫލާ ހިލާފަށް، 22 ޕޮއިންޓް ލިބުނު މީހުން ވެސް ގުރުއަތުގައި ބައިވެރިކޮފައި ކަމަށް ވެސް ބުންޏެވެ.