13 Apr 2011, 22:09
ބެއިޖިން: ޗައިނާގައި މުއްސަނދިން ގިނަވެ މިލިޔަނަރުންގެ ޢަދަދު މިހާރު މިލިޔަނަކަށް އަރާ ކަމަށް އެ ޤައުމުގައި ޝާޢިޢު ކުރި ރިޕޯޓެއް ބުނެފި އެވެ.
އެމް. ނޯލްޑްޖް ހޮރޮން ގްރޫޕުން ނެރުނު މި ރިޕޯޓާ ޙަވާލާދީ ޗައިނާ ޑެއިލީ ބުނިގޮތުގައި 2011 ވަނައަހަރު، 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ ޗައިނާ ރައްޔިތުންގެ ޢަދަދުވަނީ ނުވަ ލައްކަ 60 ހާހަށް އަރާފަ އެވެ.
އަދި އެއް މިލިޔަން ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ މީހުންގެ ޢަދަދު ވަނީ މިލިޔަނަކަށްވުރެވެސް މަތީގައެވެ. 2010 ވަނަ އަހަރު ޗައިނާގައި ތިބީ އަށް ލައްކަ 75 ހާސް މިލިޔަނަރުންނެވެ. އަދި 2009 ގައި ތިބީ އަށް ލައްކަ 25 ހާސް މިލިޔަނަރުންނެވެ.
އެހެންކަމުން 2011 ވަނަ އަހަރު ތެރޭގައި މިލިޔަނަރުންގެ ޢަދަދު ގިނަވެފައިވަނީ 9.7 ޕަސެންޓްގެ ރޭޓެއްގަ އެވެ. މި ރިޕޯޓް ބުނާގޮތުން ޗައިނާގެ މިލިޔަނަރުންގެ ތެރެއިން 55 ޕަސެންޓް މީހުން މުއްސަނދިވެފައިވަނީ އެމީހުންގެ އަމިއްލަ ވިޔަފާރީގެ މަޝްރޫޢުތައް ހިންގައިގެންނެވެ.
20ޕަސެންޓް މީހުން މުއްސަނދިވެފައިވަނީ ރިއަލްއެސްޓޭޓްގެ ވިޔަފާރިންނެވެ. 15 ޕަސެންޓް މީހުން މުއްސަނދިވެފައިވަނީ ހިއްސާގަނެ ވިއްކައިގެންނެވެ. އަދި 10 ޕަސެންޓް މީހުން މުއްސަނދިވެފައިވަނީ ބޮޑެތި ކުންފުނިތަކުގެ އެގްޒެކެޓިވް ޑައިރެކްޓަރުން ފެންވަރުގެ ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތައް އަދާކޮށްގެންނެވެ. -- ޔޫބީއައި/ ޖަވާދު