06 Jan 2016, 13:40
ހދ. ހޮނޑައިދޫން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އޭނާ އަށާއި އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 77.1 މިލިއަން ރުފިޔާ ހޯދުމަށް ފުލުހުންގެ މައްޗަށް އޭނާ ކުރެއްވި ދައުވާ ސިވިލް ކޯޓުން ބާތިލް ކޮށްފި އެވެ.
ސިވިލް ކޯޓުން އެ ދައުވާ ބާތިލްކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ޖާބިރު ކުރެއްވި ދައުވާ ކޯޓުން ބާތިލް ކުރި ހުކުމްގައި ބުނެފައި ވަނީ އެދުވަހުގެ 11:30 ގައި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް، ޖާބިރުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އޭނާގެ ވަކީލް އިޝްރާގު ތައުފީގަށް ކޯޓު އަމުރު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކޯޓު އަމުރާ ހަވާލުވުމަށް ފަހު، އެދުވަހުގެ ޝަރީއަތަށް އޭނާ ހާޒިރުވެފައި ނުވާކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންކަމުން ޖާބިރު ހުށަހެޅުއްވި މައްސަލަ ކޯޓުން ބާތިލް ކޮށްފައި ވަނީ، މަގުބޫލު އުޒުރެއް ނެތި އިޝްރާގު ތައުފީގު ކޯޓަށް ހާޒިރުވެފައި ނުވާތީ، "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ" 29 ވަނަ މާއްދާގެ ދަށުންނެވެ.
މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ބުނެފައި ވަނީ ޖާބިރު ހުށަހެޅުއްވި އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
ޖާބިރުއާއި އިތުރު ބަޔަކު 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހޮނޑައިދޫގައި ތިއްބައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބުއިކަމުގެ ތުހުމަތުގަ އެވެ.
ހޮނޑައިދޫ އިން ހައްޔަރު ކުރުމަށްފަހު ޖާބިރު ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރެއްވި މައްސަލައިގައި ޖާބިރު ވަނީ އެއް އަހަރަށް ޖަލަށްވެސް ހުކުމް ކޮށްފަ އެވެ.