ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން އޯ ޗާ ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމް ދައުވަތު ދެއްވައިފި އެވެ.

ތައިލޭންޑުގެ ރޯޔަލް ތައި ގަވާމަންޓް ވެބްސައިޓުގައި ބުނާ ގޮތުން، ބޮޑު ވަޒީރު ޕްރަޔޫތު ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީން ދައުވަތު ދެއްވީ މިދިޔަ ހޯމަ ދުވަހު ތައިލޭންޑުގެ ބޮޑު ވަޒީރު އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ޒިޔާރަތުގައި އެ ދެބޭފުޅުން، ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި އުމްރާނީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އަދި ތައިލޭންޑުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރު ޕްރަޔޫތު، ރައީސް ޔާމިނާ ހިއްސާކުރެއްވި ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނާ ގޮތުން ރައީސް ޔާމީނާއި ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުންނާއި، ވިޔަފާރި އާއި ޓުއަރިޒަމްގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އަދި ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ސެކިއުރިޓީ ދިނުމުގެ ދާއިރާ އިން ވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ބުނެ އެވެ.

ހަމައެހެންމެ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ތައިލެންޑަށް ރާއްޖެއިން ދަތުރުފަތުރު ކުރުމާއި ވިސާ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް، އެއްބަސްވުމެއްގައި ސޮއި ކުރައްވަން ރާއްޖެ އިން ޝައުގުވެރި ވާކަން ތައިލެންޑުގެ ބޮޑުވަޒީރާ ހިއްސާ ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ތައިލޭންޑަށް ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.