06 Jan 2016, 12:35
އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޖޯޑަން އައިބް ކާމިޔާބުކޮށްދިން ގޯލްއިން 1-0ގެ ނަތީޖާ އަކުން ސްޓޯކް ސިޓީ ބަލިކޮށް ލިވަޕޫލް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ސްޓޯކްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހާފްގައި ކުޅެން ނިކުއިން ޖޯޑަން އައިބް އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު ލިވަޕޫލް އިން ކާމިޔާބު ކުރި އިރު ސެމީގެ ދެ ވަނަ މެޗު ކުޅޭނީ މި މަހުގެ 26 ވަނަ ދުވަހު ލިވަޕޫލްގެ އަމިއްލަ ދަނޑުގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔޫގެން ކްލޮޕް ބުނީ އެ މެޗުގައި ދިމާވި ހަމައެކަނި މައްސަލައަކީ އެ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ހުސް ގިނަ ފުރުސަތުތައް ގޯލަކަށް ހަދާ ނުލެވުން ކަމަށެވެ.
އެ މެޗުން ބަލިވި ސްޓޯކްގެ ކޯޗް މާކް ހުއިސް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި ބައެއް ފަހަރު އިދިކޮޅު ޓީމަށް ވެސް ތައުރީފް ކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން އޭނާ ބުނީ ލިވަޕޫލް ޓީމްގެ ފަރާތުން ފެނުނީ ވަރަށް އޯގަނައިޒްކޮށް ކުޅެމުން ދިޔަ މަންޒަރު ކަމަށާއި ދެވަނަ ލެގްގައި ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށެވެ.
ލީގް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މެންޗަސްޓާ ސިޓީ މިރޭ އެވަޓަން އާ ދެކޮޅަށް ނިކުންނާނެ އެވެ.