މަސްތުވާތަކެއްޗާ އެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ގއ. ގެމަނަފުށިން ހައްޔަރުކޮށްފި އެވެ.

އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 15:30 ކަމަށް ފުލުހުން ބުނެ އެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ގަމީހުގެ ވައަތް ފަރާތު އަތްކުރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސްޕާރީ ހުސްކުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.