06 Jan 2016, 12:25
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފު އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
އެ އޮތޯރިޓީ އިން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނުގައި ބުނާ ގޮތުން، ސީއީއޯގެ މަގާމަށް ކުރިމަތިލެވޭނީ ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓާ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވާ މީހަކަށެވެ. ނުވަތަ އެހެން ދާއިރާއަކުން ޑިގުރީއަކާއި މާސްޓަސް ޑިގުރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވެސް އެ މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނާ ގޮތުން، އެލްޖީއޭގެ ސީއީއޯގެ މަގާމަށް ހޮވޭ ފަރާތެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،000 ރުފިޔާ އެވެ.
ސާވިސް އެލަވަންސެއްގެ ގޮތުގައި 2،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، ޕްރޮބޭޝަންގެ މުއްދަތު ނިމުމުން ލިވިންގު އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އެލްޖީއޭ އިން ނެރެފައިވާ އިއުލާނުގައި ބުނާ ގޮތުން، ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 02:00ގެ ކުރިން އެ އޮތޯރިޓީ އަށް ފޯމު ހުށައަޅަން ޖެހެ އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝުކުރީ މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.