ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް މާލެ ގެނެސް އެނބުރި ދޫނިދު އަށް ގެންދިއުމަށް ފުލުހުންގެ ވެހިކަލުން އަދީބު ނެރުނު ވަގުތު ފޮޓޯއެއް ނެގުމުން ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ "ސަން އޮންލައިން"ގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަން އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށް ޓަކައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކުން ފޮޓޯ ނުނެގުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހުސައިން އަކީ ސަން އޮލައިންގެ ޑެޕިއުޓީ އެޑިޓަރެއްގެ އިތުރުން މީޑިއާ ކައުންސިލުގެ ވެސް މެމްބަރެކެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ހުސައިން ހައްޔަރު ކުރީ އާންމުންނަށް ވެސް ވަދެވޭ ގޮތަށް އޮތް ތަނަކުން ކަމަށާއި އެފަދަ ތަނަކުން ފޮޓޯއެއް ނެގުމުން ނޫސްވެރިޔަކު ހައްޔަަރު ކުރަން ޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށް ބިރުދެއްކުން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ހިރިގާ ވިދާޅުވި އެވެ.