06 Jan 2016, 12:21
ފާއިތުވި ޑިސެމްބަރު މަހު ރާއްޖޭގެ ދެ ސަރަހައްދަކަށް އުރުނު ދެ ބޯޓު ފުން ކުރެވިފައި ނުވާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން އައި މެއިންލޭންޑް ޝިޕިންގް ޕްރައިވެޓް ލިމިޓެޑްގެ ޓަގު ބޯޓަކާއި ބާޖެއް މާލެ އަތޮޅު ފުށިދިއްގަރު ފަރަށް އަރާފައިވާ އިރު، އެ ދުވަހުން ފެށިގެން ބާޖާއި ޓަގު ފުންކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ޓަގާއި ބާޖު އަދި ފުން ކުރެވިފައެއް ނުވެ އެވެ.
ޓަގާއި ބާޖު ފުން ނުކުރެވި ލަސްވަނީ މޫސުން ގޯސްވުމުގެ އިތުރުން އެހެނިހެން ބައެއް ދަތިތައް ކުރިމަތިވެގެން ކަމަށް އެމްއެންޑީއެފް އިން ބުނެފަވެ އެވެ.
އޭގެ އިތުރުން، ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޅ. ކުރެންދޫ ބަނދަރުގެ އިރުމަތީ ފަރާތު ފަރަށް ވެސް ވަނީ ސަފާރީ ބޯޓެއް އަރައިފަ އެވެ. ފަރަށް އަރާފައި ވަނީ މިންޓް ޕްރައިވެޓް ލިމިޓެޑްގެ "އެޓޯލް އެކްސްޕްލޯރާ" އެވެ. މިހާތަނަށް ސަފާރީ ފަރަށް އަރަން ދިމާވި ސަބަބެއް ކަށަވަރުވެފައި ނުވާ އިރު އުޅަނދު ފުންކުރުމުގެ މަސައްކަތް ވެސް އަދި ވަނީ ނުފެށި އެވެ.
އެ ދެ މައްސަލަ ވެސް އީޕީއޭ އާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތައް ގުޅިގެން ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ބުނެ އެވެ.
އީޕީއޭ އިން ބުނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް އުޅަނދުތައް ފުންކޮށް، ތިމާވެށީގެ ގާނޫނާއި ގަވާއިދުތަކުގެ މަތިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.