ބަންޖުލް (ޖެނުއަރީ 6): ގެމްބިއާގައި ސަރުކާރު ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން އިސްތަށިގަނޑު ނިވާވާ ގޮތަށް ބުރުގާ އެޅުމަށް އެގައުމުގެ ރައީސް، ޔަހްޔާ ޖަމޭހް އަމުރުކުރައްވައިފި އެވެ.

އާބާދީގައި 90 ޕަސެންޓް މުސްލިމުން ހިމެނޭ ގެމްބިއާ އަކީ އިސްލާމީ ދައުލަތެއް ކަމަށް ރައީސް ޔަހްޔާ އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ގެމްބިއާގެ ހުރިހާ މިނިސްޓްރީތަކަށާއި ޑިޕާންޓެމެންޓްތަކަށް ހޯމަ ދުވަހު ފޮނުވި ސާކިއުލާއެއްގައި "ސަރުކާރު މިނިސްޓްރީތަކާއި، ޑިޕާންޓްމެންޓްތަކާއި، އޭޖެންސީތަކުގައި މަސައްކަތް ކުރާ ހުރިހާ އަންހެން މުއައްޒަފުން، މަސައްކަތް ކުރާ ގަޑިތަކުގައި އިސްތަށިގަނޑު ފެންނަ ގޮތައް ބެހެއްޓުން މަނާ،" ކަމަށް ބުނެފައިވެ އެވެ.

މުސްލިމުންގެ އާބާދީ ބޮޑު ނަމަވެސް މީގެ ކުރިން ގެމްބިއާގެ ގިނަ އަންހެނުން ހެދުން އެޅުމުގައި އެއްކޮށް ބޯ ނިވާ ކޮށްފައި ނުވެ އެވެ.

ގެމްބިއާ އަކީ މުސްލިމް ގައުމެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެގައުމުގައި ދިރިއުޅޭ ކްރިސްޓިއަން ޖަމާއަތަށާއި އެހެން ދީނީ ފިކުރުތަކުގެ މީހުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ގެމްބިއާގެ ރައީސް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. (ނޫސްއޭޖެންސީތައް)