13 Apr 2011, 21:32
ޖަލުބަލަހައްޓާ ގާޑުންގެ އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ޑީޕީއާރްއެސް އަށް އިތުރު ބާރުތަކެއް ދޭން ކްރައިމް ޕްރިވެންޝަން ކޮމިޓީން ސިވިލް ސާވިސް ކޮމިޝާނާ އެކު މަޝްވަރާކޮށްފި އެވެ.
މުޖުތަމައުގައި ހިނގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ބެހޭ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަނާ އެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމެޓީގެ ޗެއާޕާސަން އަމީން ފައިސަލް ވިދާޅުވީ ޖަލު ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާ ކުރަން ގިނަގުނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ޖަލު ބަލަހައްޓާ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ރަނގަޅު ކުރުމުގެ މުހިންމު ކަމުގެ މައްޗައް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ސަން އަށް ދެއްވި އިންޓަވިއެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް މިރޭ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ޖަލު ބަލަހައްޓާ ގާޑުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުން ކަމަށެވެ.
"ޖަލުބަލަހައްޓާ ބައެއް ގާޑުން ގަޑިޖެހުމުގެ މައްސަލައާއި ޔުނީފޯމް އެޅުމުގައި ދިމާވާ ބައެއް ކަހަލަ މައްސަލަތައް އެބަ އުޅޭ. ޑީޕީއާރުސްއެސުން އަންގާ އެންގުންތަކަށް ގާޑުން ބޯ ނުލަބާ މައްސަލަތައް ދަނީ ކުރިމަތިވަމުން. ގާޑުންގެ އަހްލާޤީ ފެންވަރު ރަނގަޅުކުރުމަށް ސްޓްރިކްޓް އެކްޝަންތަކެއް އެބަ ނަގަންޖެހޭ. ބާރުތަކެއް ދީގެން ނޫނީ ގާޑުން ޑިސިޕްލީން ކުރެވޭކަށް ނެތް. ގައިދީން ބެލެހެއްޓޭނީވެސް ޑިސިޕްލީން ބަޔަކަށް،" އަމީން ފައިސަލް ވިދާޅުވި އެވެ.
ގާޑުންގެ އަމަލް ކުރަންޖެހޭ " ކޯޑް އޮފް ކޮންޑަކްޓް" އެއް ނުވަތަ ސުލޫކީ މިންގަނޑެއް ހޯމްއެފެއާޒާއި ޑީޕީއާރުސްއެސް ގުޅިގެން އެކުލަވާލުމަށް މިހާރު ވަނީ ނިންމާފައި ކަމަށާއި އެމިގަނޑު ސިވިލް ސާވަންޓުން އަމަލްކުރަންޖެހޭ ސުލޫކީ މިންގަނޑާ ތަފާތުވި ނަމަވެސް ގާޑުން ތިބޭނީ ސިވިލް ސާވިސްގެ ދަށުގައި ކަމަށްވެސް އަމީން ފައިސަލް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އިސްވެރިން ވެސް ބައިވެރިވި އެބައްދަލުވުމުގައި އަލަށް އެކުލަވާލާ އެމިންގަނޑާ ހިލާފްވާ ގާޑަކާމެދު ޑީޕީއާރުއެސް އަށް ފިޔަވަޅު އެޅޭނެ ކަމަށާއި އެ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުންގެ އަމަލު ކުރަމުން ގެންދޭތޯ ބަލާނެ ޑިސިޕްލިނަރީ ކޮމެޓީއެއް ޑީޕީއާރުއެސްގެ ތެރޭގައި އެކުލަވާލުމާ ބެހޭ ގޮތުންވެސް އެބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް އަމީން ފައިސަލް ވިދާޅުވި އެވެ. އަދި އެމަސައްކަތުގައި ސިވިލް ސާވިސް ކޮމިޝަންގެ އެއްބާރުލުންވެސް ދޭނެ ކަމުގެ ޔަޤީންކަން އެކޮމިޝަނުން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.