ވޭތުވެދިޔަ އަހަރަކީ ބޮލީވުޑްގެ ތަރި އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރިލީޒު ކުރި އޭނާގެެ ފިލްމު "ބާޖީ ރާއޯ މަސްތާނީ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ހަމައެހެންމެ، ޕްރިޔަންކާ ލީޑު ރޯލުން ފެނިގެންދާ އެމިރިކާގެ ޓީވީ ސީރީޒް "ކުއަންޓިކޯ" އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޕްރިޔަންކާ އެ ސީރީޒްގައި އަދާ ކުރާ ރޯލަށް އޭނާ އަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު އޮހެމުންނެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ޕީޕަލްސް ޗޮއިސް އެވޯޑު" ގެ އާ ޓީވީ ސީރީޒް ބައިން އެންމެ ފެވަރިޓު އެކްޓްރެސް އަކަށްވެސް ޕްރިޔަންކާގެ ނަން ވަނީ ނޮމިނޭޓު ވެފައެވެ. އޭނާ އެ އެވޯޑަށް ނޮމިނޭޓުވެފައި ވަނީ ކުއަންޓިކޯގައި އަދާކުރާ ރޯލުންނެވެ.

ޕްރިޔަންކާ އާއެކު އެ އެވޯޑަށް ވާދަ ކުރާ ތަރިންތަކުގެ ތެރޭގައި އެމާ ރޮބާޓުސް، ލިއާ މިޝެލް، މާސިއާ ގޭ ހާޑެން އަދި ޖެމީ ލީ ކާޓިސް ފަދަ މަޝްހޫރު މޮޅެތި ތަރިން ހިމެނެއެވެ.

ހަމައެހެންމެ މިރޭގެ ޝޯވްގައި ވެސް ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ޕްރިޔަންކާ ފެންނާނެ ކަމަށް ކުއަންޓިކޯ އިން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ކޮންމެ އަކަސް މިރޭ ބާއްވާ އެވޯޑު ނައިޓުގައި ނިއު ޓީވީ ސީރީޒް ގެ ބައިން ފެއަވަރިޓު އެކްޓްރެސް ގެ މަގާމު ހާސިލު ކުރާނީ ކޮން ތަރިއެއް ކަމެއް ނޭނގެއެވެ.

އެ އެވޯޑު ޕްރިޔަންކާ ހާސިލްކޮށްފި ނަމަ މުޅި އިންޑިއާ އަދި ކުއަންޓިކޯ ޓީމް އޭނާގެ މައްޗަށް ފަހުރުވެރިވާނެއެވެ.

އަދި އޭނާ ގެ އާ އަހަރު ފެށިގެންދާނީ ބޮޑު ކާމިޔާބީއަކާ އެކުއެވެ.