06 Jan 2016, 10:14
ޕިޔޮންގްޔަންގް (ޖަނަވަރީ 6) : ނިއުކްލިޔާ އެއްހާސް ބޮމަށް ވުރެ ބާރުގަދަ ބޮމެއްކަމަށްވާ ހައިޑްރިޖަން ބޮމެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފިކަން އުތުރުކޮރެޔާ އިން ހާމަކޮށްފި އެވެ.
އުތުރު ކޮރެޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ސެންޓްރަލް ނޫސްއެޖެންސީން ބުނީ ހައިޑްރަންބޮން އެގައުމުން ތަޖްރިބާކުރީ ރޭ ފަތިހުގެ ވަގުތެއްގައި ކަމުގަ އެވެ. ބިމުއަޑީގެ އެތައް ކިލޯ މީޓަރެއްގެ ފުނުގައި މިބާރުގަދަ ބޮން ތަޖްރިބާ ކުރުމުގެ ސަބަބުން ރެކްޓާ މިންގަނޑުން 5.1ގެ ބާރުމިނުގެ ބިންހެލުމެއް ބޮން ތަޖްރިބާ ކުރި ވަގުތު އެ ސަރަހައްދުން ފާހަގަ ކުރެވުނު ކަމަށް ވެސް އުތުރު ކޮރެޔާއިން ބުނެފައިވެ އެވެ.
ހައިޑްރިޖަން ބޮމަކީ އެއްހާސް ނިއުކްލިޔާ ބޮމަށްވުރެ ވެސް ބާރުގަދަ ގޮވުމެއްގައި ގޮވާބޮމެކެވެ. މިއީވެސް ނިއުކްލިޔާ ބޮމުގެ ވައްތަރެކެވެ. ނަމަވެސް ނިއުކްލިޔާ ބޮން ގޮއްވާލުމުގެ ސަބަބުން ނުކުންނަ އިންސާނުންގެ ފުރާނައާއި ދިރުން ހުރި ޓިޝޫތަކަށް ދިގުމުއްދަތަކަށް ގެއްލުންލިބޭ ރޭޑިއޭޝަންތައް ހައިޑްރިޖަން ބޮމަކުން ނުނުކުންނާނެ އެވެ. މިދެބޮމުގެ ފަތާތަކީ ނިއުކްލިޔާ ފިޝަންއާއި ނިއުކްލިޔާ ފިއުޝަންގެ ތަފާތެވެ. ނިއުކްލިޔާ ބޮން ގޮއްވާލުމުން ހިނގާ ނިއުކްލިޔާ ރިއެކްޝަންތަކަކީ ނިއުކްލިޔާ ފިޝަންގެ ރިއެކްޝަންތަކެކެވެ.
މިރިއެކްޝަންތަކާއެކު ޔޫރޭނިޔަމްގެ އެޓޮމްތަކުން ނުކުންނާނީ އަލްފާ، ބީޓާ އަދި ގެމާ ފަދަ އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހިފަދަ ދިރުންވާ ކޮންމެ އެއްޗެއްގެ ވެސް ޓިޝޫތައް މުޅިން ހަލާކުކޮށްލާ އަދި އެތަށް ހާސްއަހަރެއްގެ މުއްދަތަށް ދިގުދެމިގެންދާފަދަ ނުރައްކާތެރި ރޭޑިއޭޝަންތަކެކެވެ. މިއާޚިލާފަށް ހައިޑްރިޖަން ބޮން ގޮއްވާލުމުން ހިނގާ ރިއެކްޝަންތަކަކީ ނިއުކްލިޔާ ފިއުޝަން ރިއެކްޝަންތަކެވެ. މިއިން އަލްފާ، ބީޓާ އަދި ގެމާ ފަދަ ރޭޑިއޭޝަންތަކެއް ނުނުކުންނާނެ އެވެ. އެއީ ހައިޑްރިޖަން ބޮމުގައި ބޭނުންކުރަނީ ހައިޑްރިޖަންގެ ދެ އައިސޮޓޮޕްސް ކަމަށްވާ ޓްރިޓިޔަމްއާއި ޑިއުޓެރިޔަމް ކަމަށްވާތީ އެވެ.
އެހެންކަމުން ހައިޑްރިޖަން ބޮމުގެ ބާރުގަދަވިޔަސް އެއިން ރޭޑިއޭޝަންތައް ނުނުކުންނާތީ ދިގު މުއްދަތަކަށް އޭގެ ގެއްލުންތަކެއް ނުލިބޭނެ އެވެ. ގެއްލުންލިބޭނީ އެބޮން ގޮއްވާލާ ވަގުތު ލިބޭ ގެއްލުމެވެ. ނަމަވެސް މިގެއްލުންތައް އެއްހާސް ނިއުކްލިޔާ ބޮން ގޮއްވާލުމުން ލިބޭ ގެއްލުންތަކާ ދާދިއެއްވަރުވާނެ ކަމަށް ސައެންސްވެރިން ބުނެ އެވެ. ހައިޑްރިޖަންބޮން އެންމެ ފުރަތަމަ އުފައްދައި ތަޖްރިބާކޮށްފައި ވަނީ ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) އިންނެވެ. އެއަށް ފަހު އެމެރިކާއިންނެވެ. އެއީ 1955 ވަނަ އަހަރުގަ އެވެ. އެއަށްފަހު ޗައިނާއިން 1960ގެ އަހަރުތަކުގައި ހައިޑްރިޖަންބޮން އުފައްދައި ތަޖްރިބާކޮށްފައިވެއެވެ. ނަމަވެސް އިންސާނުންނާ ދެކޮޅަށް ހައިޑްރިޖަން ބޮން އަދި ބޭނުންކޮށްފައެއް ނުވެއެވެ.
އުތުރުކޮރެޔާއިން މިހާރުވަނީ ހަތަރު ފަހަރެއްގެ މަތިން ނިއުކްލިޔަރ ބޮމުގެ ތަޖްރިބާތައް ކޮށްފައެވެ. (ރޮއިޓާސް)